ސައުދީ އަރަބިއްޔާގެ ހުޅަނގު ސަރަހައްދުގެ މުހިންމު ސިޓީތަކަށް ކުރިމަތިވެދާނެ ކުއްލި ނުރައްކަލަކަށް ސަމާލުވުމަށް އެ ގައުމުގެ ސިވިލް ޑިފެންސުން ކުއްލި އިންޒާރެއް ނެރެފި އެވެ.

"ނޭޝަނަލް އާލީ ވޯނިން ޕްލެޓްފޯމް" މެދުވެރިކޮށް މިއަދު މި އިންޒާރު އާންމުކޮށްފައިވަނީ މައްކާ، ޖިއްދާ އަދި ތާއިފްގެ އިތުރުން ޔަންބޫއާއި އަލްއުލާ ހިމެނޭ ސަރަހައްދުތަކަށެވެ. މުގައްދަސް ހަރަމްފުޅު ހުންނަ މައްކާއަކީ އަބަދުވެސް އަޅުކަމަށް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކުރާ ތަނަކަށް ވާއިރު، މި ދުވަސްވަރަކީ ސްކޫލު ބަންދު ދުވަސްވަރަށް ވާތީ އުމްރާގެ އަޅުކަމަށް ގިނަ އަދަދެއްގެ ދިވެހީން ވެސް މި ސަރަހައްދުތަކުގައި މިވަގުތު ދަނީ ހަރަކާތްތެރިވަމުންނެވެ.

ސައުދީ ސިވިލް ޑިފެންސުން އާންމުކުރި ރައްކާތެރިކަމުގެ އިރުޝާދުތަކުގައި، ރައްޔިތުން ކަންބޮޑުވެ ހާސްނުވެ، ވީއެންމެ އަވަހަކަށް ރައްކާތެރި އިމާރާތްތަކަށް ވަނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ހާމަކަން ބޮޑު ސަރަހައްދުތަކާއި، ކުޑަދޮރުތަކާއި، ބެލްކަނީތަކުގެ އިތުރުން އިމާރާތްތަކުގެ ފުރާޅުމައްޗަށް ނޭރުމަށް ވަނީ އަންގާފަ އެވެ. މީގެ އިތުރުން، އިންޒާރުގެ މެސެޖު ލިބޭ ވަގުތު ދުއްވާ އެއްޗެހީގައި ތިބޭ ފަރާތްތަކުން، ބްރިޖުތަކާއި އުސް އިމާރާތްތަކާ ދުރު ސަރަހައްދުތަކުގައި އުޅަނދުތައް މަޑުކުރުމަށް ވެސް ވަނީ އަންގާފަ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވެއްޖެނަމަ، 911 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް މައްކާ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ވަނީ އެދިފަ އެވެ.

ނަމަވެސް، ފަހުން ސައުދީގެ ސިވިލް ޑިފެންސުން ވަނީ މި ސަރަހައްދުތަކަށް އޮތް ނުރައްކާ މިހާރު ފިލައިގޮސްފައިވާ ކަމަށް ބުނެ، ނެރެފައިވާ އިންޒާރުގެ ހާލަތު އުވާލާފަ އެވެ.

މި އިންޒާރުތައް ނެރެފައި މިވަނީ ސައުދީ އަރަބިއްޔާއާއި ޔަމަނުގެ ހޫތީ ޖަމާއަތާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. ބައިނަލްއަޤްވާމީ ހަބަރުފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި، ފާއިތުވި ދުވަސްތަކުގައި ހޫތީން ވަނީ ސައުދީގެ ދެކުނުގެ ރަށްތަކަށް އަމާޒުކޮށް ޑްރޯނާއި ބެލިސްޓިކް މިސައިލްގެ ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. މިގޮތުން ހަމީސް މުޝައިތާއި، އަބްހާ އަދި ތާއިފަށް ދިން ހަމަލާތަކުގައި 13 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި ހަމަލާތަކުގެ ރައްދުގައި ސައުދީ އިސްކޮށް އޮންނަ ލަޝްކަރުން ވަނީ ޔަމަނުގައި ހުރި ހޫތީންގެ މަރުކަޒުތަކަށް 24 ގަޑިއިރުގެ ތެރޭގައި 54 ވައިގެ ހަމަލާއެއް ދީފަ އެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ޔަމަނުގެ 93،000 އަށް ވުރެ ގިނަ ރައްޔިތުން ރައްކާތެރިކަން ހޯދުމަށް ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް އދ.ގެ މައިގްރޭޝަން އެޖެންސީން ހާމަކުރެ އެވެ.