ވޮޝަންޓަން (17 މެއި)- ދުނިޔޭގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުނި މައިކްރޮސޮފްޓްގެ ޑިރެކްޓަރުންގެ ބޯޑުން އެ ކުންފުނީގެ އެއް ބާނީ ކަމަށް ބިލް ގޭޓްސް އިސްތިއުފާދިން ހަގީގީ ސަބަބު މީޑިއާއަށް ހާމަވެއްޖެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު މުއްސަނދިންގެ ތެރޭގައި ހިމެނޭ ބިލް ގޭޓްސްއަށް އޭނާގެ މަގާމުން އިސްތިއުފާ ދޭން ޖެހުނީ 2000 ވަނަ އަހަރު އެ ކުންފުނީގެ އަންހެން ދެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރިކަމުގެ މައްސަލަ އެއް ފެންމަތިވެ ކުންފުނީގެ ބޯޑުން އެ މައްސަލަ ބަލަން ފެށުމުން ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުންޏެވެ.
މިދިޔަ އަހަރު ކުއްލި ގޮތަކަށް މައިކްރޮސޮފްޓްގެ ބޯޑުން އިސްތިއުފާ ދިން 65 އަހަރުގެ ބިލް ގޭޓްސްގެ ޖިންސީ ފުރައްސާރައިގެ މައްސަލަ ފެންމަތިވީ ފުރައްސާރަ ކުރެވުނު އަންހެން މުވައްޒަފަކު މީ ޓޫ މޫވްމަންޓްގެ ދަށުން 2019 ވަނަ އަހަރު މައިކްރޮސޮފްޓަށް ހުށައެޅި ސިޓީއަކުންނެވެ.
ނަވާރަ އަހަރު ފަހުން އެ މުވައްޒަފު ފޮނުވި ސިޓީގައި އޭނާއަށް ކުރިމަތިވި ޖިންސީ ފުރައްސާރައިގެ ވާހަކަތައް ތަފްސީލް ކޮށްދީފައި ވާއިރު އެ ސިޓީ ބިލް ގޭޓްސްގެ އަންހެނުން މެލިންޑާ ގޭޓްސްއަށް ރައްދުކޮށް ދިނުމަށް ވެސް އެދިފައިވެ އެވެ.
ކުންފުނީގައި މަސައްކަތް ކުރި މުވައްޒަފަކާއެކު ގުޅުމެއް ބޭއްވި ކަމަށް ބިލް ގޭޓްސް އެއްބަސްވެފައިވާއިރު އީނާގެ ތަރުޖަމާނަކު ވަނީ ބިލް ގޭޓްސް އިސްތިއުފާ ދިނުމާއި ފެންމަތިވެގެން އުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
މި މަހުގެ ކުރީކޮޅު ބިލް ގޭޓްސް އާއި މެލިންޑާ ގޭޓްސް އެމީހުންގެ 27 އަހަރުވީ ކައިވެނި ނިމުމަކަށް ގެނެސްފައި ވާއިރު އެ މީހުންގެ ކައިވެނި ރޫޅުމުގެ އެއް ސަބަބު ކަމުގައި ބިލް ގޭޓްސް ނާޖާއިޒު ގުޅުންތައްވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. -- ޑެއިލީ މެއިލް