މެދުއިރުމަތީގެ ހަނގުރާމައިގައި އީރާނުގެ ނުފޫޒު ގަދަވަމުންދާ ދަނޑިވަޅެއްގައި، ސައުދީ އަރަބިއްޔާގެ އަސްކަރީ މަތިންދާބޯޓުތަކުން ޔަމަނަށް ވަރުގަދަ ހަމަލާތަކެއް ދީފި ކަމަށާއި، ބަދަލުގައި ހޫތީ ހަނގުރާމަވެރިން ސައުދީގެ ސިޓީތަކަށް ޑްރޯންއާއި މިސައިލް ހަމަލާތައް ފޮނުވާލާފައިވާ ކަމަށް އެ ޖަމާއަތުން ބުދަ ދުވަހު ހާމަކޮށްފި އެވެ.

މި ހަނގުރާމަ އާ ސަރަހައްދުތަކަކަށް ފެތުރި، ހާލަތު ގޯސްވަމުންދާކަމުގެ ނިޝާނެއްގެ ގޮތުން، އެމެރިކާއިން ވަނީ ސައުދީ އަރަބިއްޔާއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އަންގާ އިންޒާރު ވަރުގަދަކޮށްފަ އެވެ. މިގޮތުން، ސަރުކާރުގެ މުވައްޒަފުން ޔަމަނުގެ ބޯޑަރާ 20 މޭލު ކައިރިއަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

ވޭތުވެދިޔަ ހަފުތާއިން ފެށިގެން ރަތްކަނޑުގެ އައްސޭރިފަށުގެ ރަށްތަކާއި ބާބުލް މަންދަބު ކަނޑުއޮޅީގައިވާ ރަށްތައް ހިފަމުންދާ ހޫތީން ވަނީ، ސައުދީގެ އެހީތެރިކަން ލިބޭ ސިފައިންގެ އަތުން އަސްކަރީ އުޅަނދުތައް އަތުލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ސަހަރާގެ ސަރަހައްދުތަކުން ބޮޑެތި ގޮވުންތަކުގެ ދުންތައް އަރަމުންދާއިރު، މަތިން އަސްކަރީ ބޯޓުތައް އުދުހެމުންދެ އެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ވިދާޅުވި ގޮތުގައި، ސައުދީގެ ތެޔޮ ބަނދަރެއް ކަމަށްވާ ޔަންބުއަށާއި، ހަމީސް މުޝައިތުގައި ހުންނަ ވައިގެ ސަފުތަކަށް ވަނީ ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފަ އެވެ. ނަމަވެސް މި ހަމަލާތައް ދިން ވަގުތެއް އޭނާ ހާމައެއް ނުކުރެ އެވެ. އަންގާރަ ދުވަހު ސައުދީން ވަނީ މި ސިޓީތަކާއެކު ގިނަ ސަރަހައްދުތަކެއްގައި ސަމާލުކަން އިތުރުކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން ސައުދީ ސަރުކާރުގެ ރަސްމީ ފަރާތްތަކުންނާއި އަރަމްކޯ ކުންފުނިން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ. މީގެ އިތުރުން، ސައުދީގެ އެފް-15 މަރުކާގެ މަތިންދާބޯޓެއް ވައްޓާލާފައިވާ ކަމަށްވެސް ސަރީއު ކުރިން ވިދާޅުވެފައިވެ އެވެ.

ޔަމަނުގެ ދެކުނު ކޮންޓްރޯލްކުރާ ސައުދީގެ ތާއީދު އޮންނަ ސަރުކާރުން ބުނާ ގޮތުގައި، މި ހަފުތާގައި އެކަނިވެސް ސައުދީން ވަނީ 450 އަށްވުރެ ގިނަ ވައިގެ ހަމަލާ ޔަމަނަށް ދީފަ އެވެ. ސައުދީގެ ދެކުނާއި ހުޅަނގުގެ ސިޓީތަކަށް އަމާޒުކޮށް ހޫތީން ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ގައުމުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. އަދި އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ގްރޫޕަކުން ދިން ހަމަލާއެއްގައި ސައުދީގެ މައި ތެޔޮ ހޮޅިއަކަށް ގެއްލުންވުމުގެ ސަބަބުން ތެޔޮ އެކްސްޕޯޓް ކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

އަންގާރަ ދުވަހު މައްކާއާ ގާތަށް ދަތުރުކުރި ހޫތީންގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ރިޔާދުން ބުނެފައިވާއިރު، މިއީ މުސްލިމުންގެ މުގައްދަސް ބިމަށް ދިން ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި ސައުދީން ވަނީ ސިފަކޮށްފަ އެވެ. ނަމަވެސް ހޫތީން ވަނީ މައްކާއަށް ހަމަލާދިންކަމަށް ބުނާ ވާހަކަތައް ދޮގުކޮށް، އެއީ ސައުދީގެ ޕްރޮޕެގަންޑާއެއް ކަމަށް ބުނެފަ އެވެ.

ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާވުން

ޔަމަނުގެ ހަނގުރާމަ ފުޅާވުމަކީ، އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައި، ހަކަތައިގެ ދަތިކަން އިތުރަށް ގޯސްވެގެންދާނެ ކަމެކެވެ. ބުދަ ދުވަހު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 108 ޑޮލަރަށް އުފުލިފަ އެވެ.

ސައުދީ އަރަބިއްޔާގެ މައި ތެޔޮ ހޮޅި ބަންދުވެފައި އޮތުމަކީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ %4 މެދުކެނޑިގެންދާނެ ކަމެއް ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. ސައުދީން ލީޑުކުރާ ކޯލިޝަނަކުން 2015 އިން ފެށިގެން ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާއިރު، މިދިޔަ އަހަރުތަކުގައި އޮތް ހަމަހިމޭންކަން ގެއްލި، މި މަހު ވަނީ ކުރިމަތިލުންތައް އިންތިހާއަށް އިތުރުވެފަ އެވެ.

ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގުޅުއްވައި އަސްކަރީ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް މިހާތަނަށް އެމެރިކާގެ އެހީތެރިކަން ހުރީ ހަމައެކަނި ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމާ ހަމައަށެވެ.

ރައީސް ޓްރަމްޕަށް މިހާރު ކުރިމަތިވެފައިވަނީ ބޮޑު ގޮންޖެހުމެކެވެ. އެއީ ހޫތީންގެ ކުރިއެރުންތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރު ބޮޑު ނުރައްކަލަކަށް ހުށަހެޅިގެންދާތަން ބަލަން ހުރުންތޯ، ނުވަތަ ސައުދީއަށް ސީދާ އަސްކަރީ އެހީތެރިކަން ފޯރުކޮށްދީ، އެމެރިކާ އިތުރު ހަނގުރާމައެއްގެ ތެރެއަށް ވަނުންތޯ ނިންމުމެވެ.