އިސްލާމުންގެ މުގައްދަސް ބިން މައްކާއަށް މިދިޔަ އަންގާރަ ދުވަހު ޑްރޯން ހަމަލާއެއް އަމާޒުކުރީ ޔަމަނުގެ ހޫސީން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ދޮގު ހަދައިފި އެވެ.

ހޫސީން މައްކާއަށް ދޭން އުޅުނު ޑްރޯން ހަމަލާއެއް ހުއްޓުވާފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނި ނަމަވެސް، ހޫސީން ވަނީ އެކަން ދޮގުކޮށް، އެއީ ސައުދީން އުފެއްދި ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.

އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްގެން މިއަދު ކިޔާފައިވާ ހުތުބާގައި ބުނީ، މާތްވެގެންވާ މައްކާއާއި މަދީނާގެ ހުރުމަތް ކަނޑައި ހޫސީން ދެމުންދާ އަނިޔާވެރި، ލާއިންސާނީ އުދުވާނީ ހަމަލާތަކާއި އިންޒާރުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މީގެއިތުރުން ހޫސީންގެ ހަމަލާތަކުން މައްކާއާއި މަދީނާއާއި އެ ތަންތަނުގެ އަހުލުވެރިން ރައްކާތެރިކުރެއްވުން އެދި މިއަދުގެ ހުތުބާގައި ވަނީ ހާއްސަ ދުއާއެއްވެސް ކޮށްފަ އެވެ.

ރާއްޖެއަކީ ސައުދީ އަރަބިއްޔާއިން ހޫސީންނާ ދެކޮޅަށް އުފައްދައިގެން އުޅޭ މެރިޓައިމް ޑިފެންސް ކޯލިޝަނުގެ މެންބަރެކެވެ. އެ ކޯލިޝަނާ ގުޅެން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ މަހު ފާސްކޮށްފަ އެވެ.

ޔަމަނުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ "އަންސާރުﷲ" ގެ ނަމުން ނަން ދެވިފައިވާ ހޫސީންނަކީ ޝިއައީ ހަތިޔާރުއެޅި ޖަމާއަތެކެވެ. އެ ޖަމާއަތުން ވަނީ ޔަމަނުގެ ވެރިރަށް ސަނާއިން ސަރުކާރު ބޭރުކޮށްފަ އެވެ. ސައުދީއާއި ހޫސީންނާ ދެމެދު ކުރިމަތިލުންތައް ފެށުނީ ސަނާ އެއާޕޯޓަށް ސައުދީން ހަމަލާދިނުމާ ގުޅިގެންނެވެ. އޭގެ ފަހުން ހޫސީން ވަނީ ސައުދީގެ ބައެއް އެއާޕޯޓުތަކަށާއި، ބަނދަރުތަކުގެ އިތުރުން ތެޔޮ އުފައްދާ ކާރުހާނާތަކަށް ވެސް ހަމަލާތައް ދީފަ އެވެ.