ޣައްޒާ (18 މެއި) - ޣައްޒާގައި މިހާރު ކުރިއަށްދާ ކުރިމަތިލުންތަކުގައި އިޒްރޭލުގެ ސިފައިން ޝަހީދުކޮށްލި އާއްމުންގެ ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށް ފަލަސްތީނުގެ ސިއްހީ ވަޒީރު މައި އަލް ކައިލާ ވިދާޅުވެއްޖެ އެވެ.

ހަމަލާތަކުގައި މިހާތަނަށް 7،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިރި ރިޕޯޓު ކުރެވިފައިވީ ނަމަވެސް ޒަހަމްވެފައިވާ މީހުންގެ އަސްލު އަދަދު ނޭނގޭ ކަމަށް ކައިލާ ވިދާޅުވި އެވެ.

ޣައްޒާއާއި ހުޅަނގު އައްސޭރީގައި މެދުކެނޑުމެއް ނެތި ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ކުޑަކުދިންނަށް ކުރާ އަސަރު ފާހަގަކުރައްވަމުން އޭނާ އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ކުޑަކުދިންނަށް ނަފްސާނީ އެހީތެރިކަން މިވަގުތު އިންތިހާއަށް ބޭނުންވެފައިވާ ކަމަށެވެ.

އިޒްރޭލުން ދޭ ހަމަލާތަކުގައި މިހާތަނަށް 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު ބިމާހަމަވެފައިވާ އިމާރާތްތަކުގެ ދަށުން ނެގޭ ހަށިތަކާއެކު އެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުންޏެވެ.

"އެއް ހަފްތާ ތެރޭގައި 60 ކުޑަކުދިން ގަތުލު ކޮށްފި. ބައިނަލްއަގްވާމީ މުޖުތަމައު ހޭލުމުގެ ކުރިން އަދި ކިތައް އާއިލާ އަށް އެމީހުންގެ ދަރިން ގެއްލޭނެބާ،" ކުޑަ ކުދިންގެ ހައްގުގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމީއަތެއް ކަމަށްވާ ސޭވް ދަ ޗިލްޑްރެންގެ ފަރާތުން ޣައްޒާގައި ހުންނަ ކަންޓްރީ ޑިރެކްޓަރު ޖޭސަން ލީ ވިދާޅުވި އެވެ.

އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި އިތުރަށް ބުނެފައިވަނީ ހަމަލާތަކުގެ ސަބަބުން ޒަހަމްވެފައިވާ ކުޑަ ކުދިން އިތުރު ފަރުވާއަށް އެ ސަރަހައްދުން ބޭރަށް ގެންދިއުމަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ޣައްޒާގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް ފަދަ ޒަރޫރީ ވަސީލަތްތައް ލިބުން ދަތިވެފައި ވާއިރު އިޒްރޭލުން ދަނީ އެސަރަހައްދުގެ ގިނަ ހޮސްޕިޓަލްތަކަކަށް ބޮން އަޅައި އިންސާނީ ހައްގުތަކުން އާއްމުން މަހްރޫމް ކޮށްފަ އެވެ. --- އަލް އަރަބިއްޔާ