ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ހަރަކާތްތެރިވާ ޔަމަނުގެ ސަރުކާރު ސިފައިން، ބާބުލް މަންދަބު ކަނޑުއޮޅި ހިމެނޭ އައްސޭރިފަށުގެ ސަރަހައްދުތަކާއި މޯކާ ސިޓީއާ ހަމައަށް ހަލުވިކަމާއެކު ކުރިއަރައި، އެ ސަރަހައްދުތައް ހޫތީންގެ އަތްދަށުން ހޯދާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
މި ކުރިއެރުމާއެކު، އީރާނުގެ ތާއީދުލިބޭ ހޫތީ ހަނގުރާމަވެރިން މިދިޔަ މަހު ހިފާފައިވާ ގިނަ ސަރަހައްދުތަކުން އެމީހުން ވަނީ ބޭރުކޮށްލާފަ އެވެ. މީގެ ރައްދުގައި ހޫތީން ބުނެފައިވަނީ ސައުދީ އަރަބިއްޔާގެ މުހިންމު ތަންތަނަށް ހަމަލާދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ރިޔާދުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި، ރާބިޣްގައި ހުންނަ އަރަމްކޯ ތެޔޮ ސާފުކުރާ ކާރުހާނާއާއި، އަބްހާ އެއާޕޯޓުގެ އިތުރުން ޚަމީސް މުޝައިތު މިލިޓަރީ ބޭސް ހިމެނެ އެވެ.
ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރު ސިފައިން، ސައުދީގެ ވައިގެ ހަމަލާތަކުގެ އެހީތެރިކަމާއެކު ހޯމަ ދުވަހުގެ ރޭ މޯކާ ސިޓީގެ ބޭރު ސަރަހައްދުތަކަށް ވާސިލުވެފައިވާ ކަމަށާއި، ހޫތީން ފަރުބަދަމަތީ ސަރަހައްދުތަކަށް ފަހަތަށް ޖެހެމުންދާ ކަމަށް ސަރުކާރުގެ މަސްދަރުތަކުން މައުލޫމާތުދެ އެވެ. ޔަމަނުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ މިހާރު އެ ސިޓީ ސަރުކާރުގެ ބާރުގެ ދަށަށް އައިސްފައިވާ ކަމަށެވެ.
މި ކުރިއެރުމާއެކު، ރަތްކަނޑުގެ މުހިންމު ތެޔޮ މަގަކަށް ހޫތީން ނުފޫޒު ފޯރުވަމުންދިޔަ ދިއުން ހުއްޓުމަކަށް އަންނާނެ ކަމަށް ބެލެވެ އެވެ. ހޫތީންގެ މި ނުފޫޒުގެ ސަބަބުންނާއި އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ.
އެމެރިކާއާއި އީރާނުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ އަސަރު ޔަމަނަށް ފޯރައި، ހުއްޓިފައި އޮތް ދާހިލީ ހަނގުރާމަ އަލުން ފެށުނު ފަހުން ވޭތުވެދިޔަ ހަފުތާތަކުގައި ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގާފަ އެވެ. ހޫތީން މަސައްކަތް ކުރަމުންދަނީ ބާބުލް މަންދަބު ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށާއި ސައުދީގެ ސިޓީތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދިނުމަށެވެ.
ޔަމަނުގެ ސަރުކާރުގެ ބާރުތަކުން ބާބުލް މަންދަބު ކަނޑުއޮޅި ކައިރީގައިވާ ޛުބާބް ސަރަހައްދުގެ އެއާސްޓްރިޕް ފަދަ މުހިންމު ތަންތަން މިހާރު ވަނީ ހިފާފަ އެވެ. ނަމަވެސް، 2014 ވަނަ އަހަރުން ފެށިގެން ޔަމަނުގެ ވެރިރަށް ސަންއާ ހިމެނޭހެން ގިނަ ސަރަހައްދުތަކެއް ކޮންޓްރޯލް ކުރަމުންދާ ހޫތީން ބުނަނީ ސަރުކާރުގެ މި ދަޢުވާތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. ހަމަ އެއާއެކު، ޔަމަނުގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ތާއިޒް ކައިރިން ހޫތީންނަށް ބައެއް ކުރިއެރުންތައް ލިބި، ސަރުކާރު ސިފައިން ބަންދުވެފައިވާ ކަމަށް އަސްކަރީ މަސްދަރުތަކުން ބުނެ އެވެ. މީގެ އިތުރުން ސައުދީގެ ވައިގެ ސަރަހައްދުން ދަތުރުކުރާ ބޯޓުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ހޫތީން ވަނީ ދީފަ އެވެ.
މި ހަމަނުޖެހުންތައް އިތުރުވަމުންދާތީ، ސައުދީ އަރަބިއްޔާއާއި، ތުރުކީ އަދި ޕާކިސްތާނުން ވަނީ ރިޔާދުގައި ކުއްލި ބައްދަލުވުމެއް ބާއްވައި، "މައްކާ ޑިފެންސް ޕެކްޓް" ގެ ދަށުން ސައުދީ އަރަބިއްޔާގައި އަސްކަރީ ބާރުތައް ރުކުރުވާލުމަށް އެއްބަސްވެފަ އެވެ.
މި ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އިންސާނީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އދ. ގެ ހިޖުރަވެރިންނާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި ހަނގުރާމަ އަލުން ފެށުނު ފަހުން 184،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.
ޔަމަނުގެ ރައީސް ރަޝާދު އަލް-އަލީމީ ވިދާޅުވީ "ޓެރަރިސްޓުން"ގެ ކިބައިން ގައުމު މިނިވަންވަންދެން ހަނގުރާމަ ކުރައްވާނެ ކަމަށެވެ. ސައުދީ، ތުރުކީ އަދި ޕާކިސްތާނުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި، އިސްލާމްދީނުގެ އެންމެ މުގައްދަސް ދެ ބިން ކަމަށްވާ މައްކާއާއި މަދީނާއަށް ހޫތީން ހަމަލާދޭން އުޅޭ ކަމަށް ތުހުމަތުކޮށް، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް" ގެ ދަށުން، މި ތިން ގައުމުން ކުރެ ގައުމަކަށް ދެވޭ ހަމަލާއަކީ ތިން ގައުމަށްމެ ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލުމަށް ވަނީ އިގުރާރުވެފަ އެވެ.
ރަހައެއް ނޫން، މިއޮތީ ޗޮކުލެޓް ކާހިތްވާ އަސްލު ސަބަބު!
ސާޖިދުގެ ކުރިއަށް އޮތް ކޮމެޑީ ފިލްމަށް މަޝްހޫރު ގިނަ ނަންތަކެއް!
ދަރިވަރު މަރުވި އެކްސިޑެންޓް: ކާރު ޑްރައިވަރު ޑްރަގަށް ޕޮޒިޓިވް
