ކޮވިޑް ހާލަތު އިތުރަށް ގޯސްވެފައި ވާތީ، ކޮވިޑް ބަލިމަޑުކަން ކޮންޓްރޯލުކުރުމުގެ މަސައްކަތް ހަލުވި ކުރުމަށް ސަރުކާރަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ޕީއެންސީގެ ނައިބް ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަންނަން 12 މެމްބަރުން ވޯޓް ދެއްވިއިރު އެ މައްސަލަ ބަލައިގަންނަ ނުފެންނަ ކަމަށް ވޯޓް ދެއްވީ 18 މެމްބަރެވެ.

ރާއްޖޭގައި ކޮވިޑް ބަލިޖެހޭ މިންވަރު އިތުރުވެފައި މި ބަލީގައި މަރުވާ މީހުންގެ އަދަދު 100 އިން މައްޗަށް އަރާފައިވާއިރު މުޅި ސިއްހީ ނިޒާމު ބޮއްސުންލާފައި ވާތީ، އެކަމާ މެދުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް މަޖިލީހަށް ހުށަހެޅި މައްސަލަ ފާސް ނުވެ ވަނީ މަޖިލީހުން ބޭރުވެފަ އެވެ.

މިމައްސަލަ މަޖިލީހަށް ހުށައަޅަމުން އާދަމް ޝަރީފް ވިދާޅުވީ އަތޮޅުތަކުން ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ލިބުމުގައި ގޮން ޖެހުންތައް ހުރުމާއެކު ނަތީޖާ ނުލިބި އެތައް ދުވަހަކު މަޑުކުރަން ޖެހޭ ކަމަށާއި ސިއްހީ ދާއިރާގެ މަގަތު ސަފުގައި މަސައްކަތް ކުރާ މީހުން ވަރުބަލިވެ ފަރުވާ ދިނުން ލަސްވާ ހާލަތަށް ދިއުމުގެ ކަންބޮޑުވުން ފަންނީ ފަރާތްތަކުން ހާމަކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް ޖެހިފައިވާ ބަލި މީހުންނަށް ފަރުވާ ދޭން އިތުރު ވަސީލަތްތައް ގާއިމްކޮށް އިންސާނީ ވަސީލަތްތައް ގާއިމްކޮށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި މަސައްކަތް ހަަލުއިކޮށް މިހާރަށް ވުރެ ރަނގަޅަށް ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނާ ގުޅުން ހުރި މިފަދަ މައްސަލަތައް ހުށައަޅާއިރުވެސް ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުންގެ ތާއީދު ނުލިބޭކަން ފާހަގަ ކޮށްލެވެ. އެކަމާ ގުޅިގެން މަޖިލީހަށާއި ވެރިކަންކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒު ވަނީ ވެފަ އެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އެ މައްސަލަ ބަލައި ނުގަތުމުން، އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ރާއްޖޭގައި ވަނީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެގޮތުން މިއަދު އެކަނިވެސް 6 މީހަކު މި ބަލީގައި މަރުވެފައިވާއިރު މި ބަލި ޖެހޭ މީހުންގެ ގިނަ ބަޔަކު ހޮސްޕިޓަލުތަކުގައި ދަނީ ފަރުވާ ދެމުންނެވެ.