ގޭތެރޭގެ މާހައުލަކީ އަހަރެމެން އެންމެން ވެސް ވަރަށް ފަރުވާތެރިކަމާއެކު ޑިޒައިންކޮށް ތަރުތީބު ކޮށްފައިވާ ތަނެކެވެ. ކޮންމެ މީހަކު ވެސް އެ މީހަކަށް އެންމެ ރީތި އަދި އެންމެ ހިތްފަސޭހަ ގޮތަކަށް ގޭތެރޭގެ މާހައުލު ބެހެއްޓޭތޯ ބަލަ އެވެ.

ނަމަވެސް ހަމަ މި ގޭތެރޭގެ މާހައުލުން ތިބާގެ ސިއްހަތަށް އަސަރު ކުރާކަން އެނގޭތޯ އެވެ. ލޯތްބާއި އެކު އަތުރާފައިވާ ގޭތެރޭގެ ބައެއް ކަންތައްތަކުން ތިބާގެ ބަރުދަން އިތުރުވާ ކަމަށް ގަބޫލު ކުރަން ހެއްޔެވެ؟

މި ލިޔުމުގައި މި ބަލާލަނީ އަހަރެމެންގެ ގޭތެރޭގެ މާހައުލު ތަކުން ފެންނަ، ނަމަވެސް ސިއްހަތަށް ގެއްލުންދޭ ބައެއް ކަންކަމަށެވެ.

ނިދާ ކޮޓަރީގެ އަލި ގަދަވުން:

ރޭގަނޑުގެ ނިދި ރަނގަޅަށް ނުލިބުމަކީ ބަރުދަން އިތުރުވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެގޮތުން އަލި މަޑު ކޮޓަރިތަކުގައި ނިދާ މީހުން އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން އިތުރުވުން ދުރުކަމަށް އި ދިރާސާތަކުގައި ވެ އެވެ. އެހެންކަމުން ނިދާ ކޮޓަރީގެ އަލި ގަދަވާނަމަ ރޭގަނޑުގެ ނިންޖަށް އަސަރުކޮށް ބަރުދަން އިތުރު ވުމަށް މަގުފަހިވެ އެވެ.

އިލެކްޓްރޯނިކް ސާމާނު ނިދާ ކޮޓަރީގައި ހުރުން:

ޕީޑިއަޓްރިކް އޮބީސިޓީ ޖާނަލް އިންކުރި ދިރާސާއެއްގައި ދައްކާ ގޮތުން ނިދާ ކޮޓަރީގައި ޓީވީ އާއި ކޮމްޕިއުޓަރު ފަދަ އާލާތްތައް ލިބެންހުންނަ ކުޑަކުދިންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ނޭދެވޭ ކަންތައްތައް ގިނަ އެވެ. އެގޮތުން ރަނގަޅަށް ނިދި ނުލިބިމާއި ހަރަކާތްތެރިވުން މަދުވުމުގެ ސަބަބުން ބަރުދަން އިތުރުވެ އެވެ.

ހެނދުނު ނިދާ ކޮޓަރީގެ އަލި މަޑުކޮށް ބެހެއްޓުން:

ރޭގަނޑުގެ ނިދިން ހެލުމަށްފަހު ބަނޑުހައި ހޫނުކަން ކޮންޓްރޯލްކުރާ ހޯމޯންސްގެ ބާރު ދެރަވެ އެވެ. އެފަދަ ވަގުތެއްގައި ވަށައިގެންވާ މާހައުލުގެ އަލި މަޑުނަމަ ހޯމޯންސްގެ ބާރު އިތުރަށް ދެރަވެ، ސިއްހަތަށް ގެއްލުންހުރި "ޖަންކްފުޑް" ކާހިތްވެ އެވެ. ނަތީޖާއަކީ މާގިނައިން ކެވި ބަރުދަން އިތުރުވުމެވެ.

މަތީގައިވާ ކަންތައްތަކަކީ ދިވެހިންގެ ގެތަކުން އާއްމުކޮށް ފެންނަ ކަންތައްތަކެކެވެ. މިކަންކަމަކީ ނިސްބަތުން ކުޑަ ނަމަވެސް އޭގެ އަސަރު އަހަރެމެންގެ ދިރިއުޅުމަށް ކުރާލެއް ބޮޑު ކަންކަމެވެ.