ފަލަސްތީންގެ މައްސަލައާ ގުޅިގެން މިރޭ ބާއްވާ އދ. ގެ އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލް ކުރައްވައި، ތަގްރީރު ދެއްވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
މިރޭގެ އާންމު މަޖިލީހުގައި މެންބަރު ގައުމުތަކުން ބަހުސް ކުރާނެ މައިގަނޑު މައްސަލައަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ވަކިން ހާއްސަކޮށް ފަލަސްތީނުގެ މައްސަލަ އަށެވެ. ބައްދަލުވުން ފަށާނީ ރާއްޖެ ގަޑިން މިރޭ 7:00 ޖަހާއިރު އެވެ. ޝާހިދު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން 7:30 އާއި 8:00 އާ ދެމެދުގެ ވަގުތެއްގަ އެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެގްޒެކެޓިވް ކޮމިޓީގެ ހާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ވެސް މިދިޔަ ހަފްތާގައި ޝާހިދު ވަނީ ބައިވެރިވެފަ އެވެ.އެ ބައްދަލުވުމުގައި ޝާހިދު ވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.
އޯއައިސީގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވެފައި ވަނީ މެދުއިރުމަތީގެ ސުލްހައަށް އޮތް ހަމައެކަނި ހައްލަކީ 1967 ވަނަ އަހަރު އެއްބަސްވެފައިވާ އިމުގެ ތެރޭގައި ފަލަސްތީންގެ މިނިވަން ދައުލަތް ގާއިމުކޮށް އެ ދައުލަތުގެ ވެރި ރަށަކީ އިރުމަތީ ގުދުސް ކަމުގައި ހަމަޖެއްސުން ކަމަށެވެ.
ރާއްޖެއިން އަބަދުވެސް ދަނީ ފަލަސްތީންގެ ހައްގުގައި ވަކާލާތު ކުރަމުންނެވެ.