ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ގޯވިންދާ ކައިވެނީގެ ބޭރުން ގުޅުންތަކެއް ހިންގި ކަމަށް އޭނާގެ އަނބިމީހާ ސުނީތާ އަހޫޖާ ކުރި ތުހުމަތުތަކަށް ރައްދު ދީފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ގޯވިންދާ ވަނީ ސުނީތާ އޭނާއާ ބެހޭގޮތުން ދައްކަމުންދާ ވާހަކަތަކާއި ތުހުމަތުތަކަށް ވަރަށް ހަމަޖެހޭ ގޮތަކަށް ރައްދުދީފަ އެވެ.
ހަމައެއާއެކު އޭނާގެ ހަޔާތުގައި ސުނީތާ ކޮށްދީފައިވާ ހިދުމަތްތަކާއި، އޭނާގެ ކާމިޔާބީގައި ސުނީތާގެ ހިއްސާ އޮތް މިންވަރު ވަނީ ފާހަގަ ކޮށްފަ އެވެ.
ގޯވިންދާ ބުނި ގޮތުގައި، ސުނީތާ އެފަދަ ވާހަކަތަކެއް ދައްކަމުންދަނީ އެހެން ފަރާތްތަކެއްގެ ނުފޫޒާއި ނުބައި ނަސޭހަތުގެ ސަބަބުންނެވެ. ނަމަވެސް އެއީ ކާކުކަން ސީދާ ބުނަން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ.
މީގެ ހަތް ވަރަކަށް އަހަރު ކުރިންވެސް މިފަދަ ދުވަސްތަކަކާ ކުރިމަތިލާން ޖެހިދާނެކަން އޭނާއަށް ލަފާ ކުރެވިފައިވާ ކަމަށާއި، މިއީ ކޮންމެ އާއިލާއަކަށްވެސް ދިމާވެދާނެ ދުވަސްވަރެއް ކަމަށް އޭނާ ސިފަކުރި އެވެ.
"އަހަރެންގެ އާދައަކީ މީހުން ބޭޒާރު ކޮށްލާފައި ލަދުގަންނުވާލުމެއް ނޫން. މީހުން އަބަދުވެސް އަހަރެންގެ ނަން ކިލަނބު ކުރަން މަސައްކަތް ކުރޭ. އަހަރެން ހުންނާނީ މަޑުމައިތިރިކަމާއި އިހުތިރާމާއެކު" ގޯވިންދާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ، ސުނީތާގެ މި ވާހަކަތަކަށް ސީދާ ރައްދުދީ ޒުވާބު ކުރުމުގެ ބަދަލުގައި، އެކަންމުން ދުރުހެލިވެ ހުންނާނެ ކަމަށާއި، މި ދުވަސްތައް ފާއިތު ވެގެންދާއިރު އޭނާ ގެންގުޅުނީ ރަނގަޅު އުސޫލެއްކަން މީހުންނަށް ފެނިގެންދާނެ ކަމަށެވެ.
މައްސަލަތަކާއެކު ވެސް އޭނާގެ ހަޔާތުގައި ސުނީތާގެ މުހިންމުކަން ގޯވިންދާ ވަނީ ވަރަށް ބޮޑަށް ފާހަގަ ކޮށްފަ އެވެ. އޭނާ ބުނީ ސުނީތާއަކީ އޭނާއަށް ވަރަށް ހެޔޮ އަދި ރަނގަޅު އަނތްބެކެވެ. އާއިލާ ބިނާ ކުރުމަށާއި ކުދިން ބޮޑު ކުރުމުގައި ސުނީތާ ވެފައިވާ ގުރުބާނީ އޭނާ އަބަދުވެސް ބަލައިގަންނަ ކަމަށް ގޯވިންދާ ބުންޏެވެ.
މި މައްސަލައާ ގުޅިގެން ބޮލީވުޑްގެ ހަބަރުތަކުގައި މިހާރުވެސް ދަނީ މި ވާހަކަތައް ވަރަށް ބޮޑަށް ދެކެވެމުންނެވެ. ނަމަވެސް ގޯވިންދާ ގެންދަނީ މިފަދަ ކަންކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ އޭނާގެ މަސައްކަތްތައް ކުރަމުންނެވެ.
އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމުގެ ކުށުގެ އަދަބު ބޮޑުކުރަނީ
ހޯމް ސްކޫލިން ތައާރަފްކުރަން މަޖިލީހަށް ބިލެއް
"މުސާފިރް ކެފޭ" ސީޒަން 2: "ސުދާ"ގެ ރޯލަށް ވެދިކާ އަލުން ތައްޔާރު!