މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތަކަށް ހެލްތު އިންޝުއަރެންސް ދޭނެ ގޮތް ބަލަން ދިރާސާއެއް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

އެ ދިރާސާކުރަން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ހުށަހެޅުއްވީ ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ. އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި އެ ވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބައްދަލުވުމުގައި އަޒާން ވިދާޅުވީ މެންބަރުންނަށް އިންޝުއަރެންސް ލިބެނީ ވަކި ގާނޫނެއްގެ ދަށުން ކަމަށާއި ދައުލަތުގެ އެހެން ގިނަ މުއައްސަސާތަކެއްގެ މުވައްޒަފުންނަށް ވެސް އާސަންދައިގެ އިތުރުން ހެލްތު އިންޝުއަރެންސް ލިބޭ ކަމަށެވެ. އޭގެ ތެރޭގައި ވަޒީރުންގެ މަޖިލީހާއި ކޯޓުތަކުގެ މުވައްޒަފުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމު ރައްޔިތުންނަށް އާސަންދަ ލިބޭއިރު އާސަންދައިގެ ބޭރުން ދައުލަތުން ހަރަދުކޮށްގެން އެ މުއައްސަސާތަކަށް އިންޝުއަރެންސް ލިބޭ ކަމަށް އަޒާން ފާހަގަކުރެއްވި އެވެ. މިއީ ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން ވަކި ފްރޭމެއްގައި ދެމުންދާ ހިދުމަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. ހަމައެކަނި މަޖިލިސް މެންބަރުންގެ އިންޝުއަރެންސް ކަނޑާލުމުގެ ބަދަލުގައި، އެއަށް ވުރެ ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލަން ރައްޔިތުން ހުށަހެޅީ ކަންބޮޑުވުން އޮތުމުން ކަމަށްވާތީ، އެކަން ބަލައިގަންނަން ޖެހޭނެ ކަމަށް އަޒާން ވިދާޅުވި އެވެ. ނަމަވެސް އެފަދަ ބަދަލެއް ގެންނަން ޖެހޭނީ ދައުލަތުން ހެލްތު އިންޝުއަރެންސްގެ ހިދުމަތް ލިބޭ އެންމެން ހިމެނޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަޒާން ހުށަހެޅުއްވީ ކަމާ ބެހޭ ހުރިހާ އިދާރާއެއްގެ މަޝްވަރާ ހޯދައި ސަރުކާރުގެ ވިސްނުން ވެސް ބަލައިގެން އެންމެ ހަރަދުކުޑަވާނެ ގޮތަކަށް ހެލްތު އިންޝުއަރެންސްގެ ކަންތައް ބަދަލުކުރުމަށެވެ.

އަޒާންގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ހުށަހެޅުއްވީ މާލިއްޔަތު ކޮމިޓީން ކުޑަ ކޮމިޓީއެއް ނަގައިގެން މުޅި މައްސަލަ ދިރާސާކުރުމަށެވެ.

މެންބަރުންނަށް ދޭ ފަދަ ހެލްތު އިންޝުއަރެންސް ޕެކޭޖެއް ހުރިހާ ރައްޔިތުންނަށް ދޭން މަޖިލީހުގައި ކުރި ބަހުސްގައި ބައެއް މެންބަރުން ގޮވާލެއްވިކަން ޝަމްހީދު ފާހަގަކުރެއްވިއެވެ. އޭރުން ދައުލަތުގެ ހަރަދު ކުޑަވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭރުން ރައްޔިތުން ރާއްޖެއިން ބޭރަށް ގޮސް ބޭސްފަރުވާކުރަން އެހެން މީހުން ކައިރީ ސަލާމްޖަހަން ނުޖެހޭނެ ކަމަށް ޝަމްހީދު ވިދާޅުވި އެވެ. އަދި ދައުލަތުން ކުރާ ޖުމްލަ ހޭދަ ކުޑަވެގެން ދިއުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.