ރަސްމާލެ މަޝްރޫއަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ރާއްޖޭގެ ގާނޫނުލްއުގޫބާތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައިފި އެވެ.

އެގޮތުން ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށް އަމަލުކުރުމާއި ދައުލަތުގެ އިގުތިސާދަށް ގެއްލުންހުރި އަމަލުތައް ކުރުން ކުށަކަށް ހަދާގޮތަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅާފަ އެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ، މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

މި ބިލު ހުށަހެޅުއްވި މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، ރާއްޖޭން ބައިވެރިވެފައިވާ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން ގަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމާއި، އެ ކުށުގެ އަދަބު ބަޔާންކުރުން ހިމެނެ އެވެ. މީގެ އިތުރުން، ދައުލަތަށް ހިޔާނާތްތެރިވުމާއި އިގުތިސާދީ ރައްކާތެރިކަމަށް ގެއްލުންހުރި އަމަލުތައް ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަކީ ވެސް މި ބިލުގެ މަގުސަދެކެވެ. އަދި، އިސްލާމްދީނާ އިދިކޮޅު އަމަލުތަކުގެ ކުށަށް ކަނޑައަޅާފައިވާ އަދަބު ބޮޑުކުރުމަށްޓަކައި ގާނޫނުލްއުގޫބާތަށް އިސްލާހުތައް ގެނައުމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ގަތުލުއާންމު ހިންގުން ޖިނާއީ ކުށަކަށް

ބިލުގައި ހުށަހަޅާފައިވާ ގޮތުން، ގާނޫނުލްއުގޫބާތުގެ 140 ވަނަ ބާބުގެ ފަހަތަށް "ގަތުލުއާންމު" ގެ ނަމުގައި އާ މާއްދާއެއް އިތުރުކުރެވޭނެ އެވެ. މި މާއްދާގެ ދަށުން، ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތެއް އެކުގައި ނުވަތަ އޭގެ ބޮޑު ބައެއް ނެތިކޮށްލުމުގެ ނިޔަތުގައި ކުރާ ފަސް ކަމެއް ކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅޭނެ އެވެ. އެއީ:

  • އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު މެރުން
  • އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ބޮޑެތި ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާ ދިނުން
  • އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް، އެ ބަޔަކު އެކުގައި ނުވަތަ އޭގެތެރެއިން ބޮޑު ބައެއް ޖިސްމާނީ ގޮތުން ހަލާކުވެދާ ފަދަ ދިރިއުޅުމުގެ ހާލަތްތައް އެނގިހުރެ އަދި ގަސްދުގައި ކުރިމަތިކުރުވުން
  • އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ދަރިން އުފަންވިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތަކެއް އެޅުން
  • އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތަކަށް ބަދަލުކުރުން
  • އިގްތިސާދަށް ގެއްލުންދޭ އަމަލުތަކަށް އަދަބު

މީގެ އިތުރުން، ދައުލަތުގެ އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ ފަރުވާލެއް ނެތި ކުރާ ހަތަރު ކަމެއް ކުރުމަކީ ވެސް ޖިނާއީ ކުށެއްގެ ގޮތުގައި ބިލުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި، މުހިންމު އުމްރާނީ ވަސީލަތަކަށް ނުވަތަ އެ ފަދަ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރު ސިސްޓަމަށް ގެއްލުންދިނުމަކީ ކުށެއް ކަމުގައި ކަނޑައެޅުން ހިމެނެ އެވެ.

މި ފަދަ ބިލެއް ސަރުކާރުން ހުށަހަޅާފައިވަނީ، ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސްއާ ދެމެދު ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ. ވިހި ބިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ތެރެއިން އިޒްރޭލުގެ މީހުންނަށް އެ ސަރަހައްދުން ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ވަނީ ފާޅުކޮށްފަ އެވެ.