ބަންގާޅު ކަނޑުފައި އުފެދިފައިވާ ތޫފާން "އަރްނަބް"ގެ ބާރު އިތުރަށް ގަދަވެ، އިންޑިއާގެ ދެކުނުގެ ގިނަ ސްޓޭޓްތަކަށް މޫސުމީ އިންޒާރުތައް ނެރެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ. އިންޑިއާ މެޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓް (އައިއެމްޑީ) އިން ލަފާކުރާ ގޮތުގައި، މި ބާރުގަދަ ތޫފާން އަންނަ ބުދަ ދުވަހުގެ ހެދުނު އަންދްރަ ޕްރަދޭޝްގެ އައްސޭރިއަށް އަރާނެ އެވެ.

އައިއެމްޑީ އިން މިއަދު ނެރުނު ޓްރޮޕިކަލް ސައިކްލޯން އެޑްވައިޒަރީގައިވާ ގޮތުން، މި ތޫފާން ހުޅަނގު-އުތުރު ހުޅަނގަށް ދަތުރުކޮށް، މާދަމާ ހަމައަށް ވަރަށް ބާރުގަދަ ތޫފާނަކަށް ބަދަލުވެގެންދާނެ އެވެ. އެއަށްފަހު، ބުދަ ދުވަހުގެ ހެނދުނު، ބަޕަޓްލާ އާއި ވިސާކަޕަޓްނަމްގެ ދެމެދުން އަންދްރަ ޕްރަދޭޝް އަދި ޔަނަމްގެ އައްސޭރިއަށް ގަޑިއަކު 115-125 ކިލޯމީޓަރުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި 140 ކިލޯމީޓަރާ ހަމައަށް ވައިގަދަވެ، ތޫފާން އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ތޫފާން އަރްނަބްގެ ސީދާ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ލަފާކުރެވެނީ އަންދްރަ ޕްރަދޭޝްއަށެވެ. އެ ސްޓޭޓަށް އަރާނެ ކަމަށް ލަފާކުރެވޭ ސަރަހައްދު ދެމިގެންދަނީ ބަޕަޓްލާ އާއި ވިސާކަޕަޓްނަމްގެ ދެމެދަށެވެ. މި ތޫފާންގެ ސަބަބުން އެންމެ ބޮޑަށް ފާރަވެރިވާންޖެހޭ ޑިސްޓްރިކްޓްތަކުގެ ތެރޭގައި ވިސާކަޕަޓްނަމް، އަލޫރީ ސިތަރާމާ ރާޖޫ، އަނަކަޕައްލީ، ކާކިނާޑާ، ކޮނަސީމާ، އީސްޓް ގޯދަވަރީ، ވެސްޓް ގޯދަވަރީ، އެލޫރޫ، އެން.ޓީ.އާރް، ކްރިޝްނާ އަދި ގުންޓޫރު ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އައިއެމްޑީ އިން ލަފާކުރާ ގޮތުގައި، މިމަހު 27 އަދި 28 ގައި އަންދްރަ ޕްރަދޭޝްގެ އައްސޭރިފަށާއި އަދި ޔަނަމްގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި، ބައެއް ތަންތަނަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެކެވެ. ހަމައެއާއެކު 29 ވަނަ ދުވަހުގައިވެސް ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް އައިއެމްޑީ އިން ބުނެ އެވެ.

އަންދްރަ ޕްރަދޭޝް ސްޓޭޓް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ މެނޭޖިން ޑިރެކްޓަރު ޕްރަކަރު ޖެއިން ވިދާޅުވީ، ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުމީ ނުރައްކާ އޮތުމުން، ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ކަމަށެވެ.

ތޫފާންގެ ސަބަބުން ބޯކޮށް ވާރޭވެހި އަސަރުކުރާނެ ކަމަށް ލަފާކުރެވޭ އޮޑިޝާގެ ދެކުނުގެ ޑިސްޓްރިކްޓްތަކުގެ ތެރޭގައި ގަންޖަމް، ގަޖަޕަތީ، ރަޔާގަޑާ، ކޮރަޕުޓް، މަލްކަންގިރީ، އަދި ނަބަރަންގްޕޫރު ހިމެނެ އެވެ. މި ސަރަހައްދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ. އޮޑިޝާ ސަރުކާރުން ވަނީ މަސްވެރިކަން މިދުވަސްކޮޅު ކުރުން މަނާކޮށް، ނުރައްކާތެރި ސަރަހައްދުތަކުގައި ހިލަ ފަރުބަދަތަކަށާއި، ފެންގަނޑުތަކަށާއި، ޑޭމްތަކަށް ފަތުރުވެރިން ދިޔުން ހުއްޓާލަން އަންގައިފަ އެވެ. ޑިސްޓްރިކްޓްތަކުގައި ހުރި ސްކޫލްތަކާއި، ކޮލެޖްތަކާއި، ސެންޓަރުތައް މިމަހު 28 އަދި 29 ގައި ބަންދުކުރުމަށް ވަނީ ނިންމައިފަ އެވެ.

ޓަމިލްނާޑޫ އަދި ޕުޑުޗެރީއަށް އިރުއުތުރު މޫސުމުގެ ވާރޭވެހުން ކުރިއަށްދާނެ ކަމަށް ލަފާކޮށްފައިވާއިރު، އައްސޭރިފަށުގެ ސަރަހައްދުތަކާއި ދެކުނުގެ ސަރަހައްދުތަކުގައި ފެންބޮޑުވުމަކީ އެކަށީގެންވާ ކަމުގެ އިންޒާރުވެސް ވަނީ ނެރެފަ އެވެ. ތޫފާނުގެ އިންޒާރު ދިނުމަށްޓަކައި ޗެންނާއީ، ނާގަޕަޓިނަމް، ކަޑަލޯ، ކަރައިކާލް، ޕަމްބަން އަދި ތޫތުކުޑީ ފަދަ ބަނދަރުތަކުގައި ދިދަތައް ވަނީ ނަގާފަ އެވެ.

ކެރެލާގެ ގިނަ ޑިސްޓްރިކްޓްތަކުގެ ތެރެއިން މަލައްޕުރަމް، ކޯޒިކޯޑް، ވައިނާޑް، އިޑުކީ އަދި ޕަލައްކާޑް ހިމެނޭހެން ގިނަ ސަރަހައްދުތަކަށް އަދި ކޮލްކަތާ އާއި ދެކުނުގެ ވަށައިގެންވާ ޑިސްޓްރިކްޓްތަކަށްވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ހަމައެއާއެކު ތޫފާން އަންދްރަޕްރަދޭޝްގެ އައްސޭރިފަށާ ކައިރިވަމުން އަންނައިރު، ގަދަ ވަޔާއި ބޯ ވާރޭގެ އިންޒާރު ވަނީ ދީފަ އެވެ. އެހެންކަމުން އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ބޭރުގައިވާ ތަކެތި ރައްކާތެރިކުރުމަށް އަދި ފެންބޮޑުވެފައިވާ މަގުތަކުން ދަތުރުނުކުރުމަށް އިރުޝާދު ދީފައިވެ އެވެ. އަދި ގަދަ މޫސުމުގައި އައްސޭރިފަށުގެ ސަރަހައްދުތަކުން ދުރުހެލިވުމަށްވެސް ވަނީ އަންގައިފަ އެވެ.