ވަކި ދީނަކަށް ނުވަތަ ގައުމަކަށް އަމާޒުކޮށް ހިންގާ ގަތުލުއާންމުގެ ކުށްތައް ބަޔާންކުރާ ގާނޫނެއް ރާއްޖޭގައި ނެތުމުން ބައިނަލްއަގުވާމީ ކޯޓުގައި އިސްރާއީލާ ދެކޮޅަށް ރާއްޖެއިން ހުށަހަޅާ ގާނޫނީ ނުކުތާތަކަށް އަސަރުކުރާނެ ކަމަށް އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ ޖެނޮސައިޑް ކޮންވެންޝަނަށް ކަމޭހިތުމަށް އެހެން ގައުމުތަކަށް ރާއްޖެއިން ގޮވާލާއިރު، އެ މުއާހަދާގެ ދަށުން ރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާ ކަންކަން ކޮށްފައި ނެތުމަކީ އެކަމުގެ އަސަރު ރާއްޖޭގެ ހުށަހެޅުންތަކަށް ކުރާނެ ކަމެއް ކަމަށެވެ. އެއީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ރާއްޖެއިން މަޖުބޫރުވެގެން ކުރުން ލާޒިމްވާ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ ނުވަތަ ޖެނޮސައިޑް ކޮންވެންޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވަނީ 24 އެޕްރީލް 1984 ގަ އެވެ. އެ މުއާހަދާގެ 5 ވަނަ މާއްދާގައި މުއާހަދާގައި ބައިވެރިވާ ގައުމުތަކުން ހަދަންޖެހޭ ގާނޫނުތައް ހެދުމާއި ޖެނޮސައިޑްގެ ކުށްތަކަށް ގާނޫނުގެ ދަށުން އަދަބު ކަނޑައެޅުން ލާޒިމްކުރެ އެވެ. ނަމަވެސް އެ މުއާހަދާގައި ބައިވެރިވިފަހުން 42 އަހަރު ވެގެން ދިޔައިރުވެސް އެ ޒިންމާ ރާއްޖެއިން އަދާކޮށްފައެއް ނުވެ އެވެ.

އުޝާމް ފާހަގަކުރެއްވި ގޮތުގައި މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގަމުންދާ ދެ ގައުމަކާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅައިގެން ކުރިއަށްދާ ދެ މައްސަލައަކަށް ރާއްޖެއިން ވަނީ ތަދައްހުލްވެފަ އެވެ. އެއީ މިޔަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމާ ދެކޮޅަށް ގަމްބިއާއިން ހުށަހެޅި މައްސަލަ އާއި އިސްރާއީލުން ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލަ އެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. މި ބިލުގައި ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ހިންގާ ޢަމަލުތަކަކީ ގަތުލުއާންމުގެ ކުށުގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެ ބިލުގައި ގަތުލުއާންމުގެ ކުށުގެ ގޮތުގައި ބަޔާންކޮށްފައިވާ ޢަމަލުތަކުގެ ތެރޭގައި އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު މެރުމާއި، ބޮޑެތި ގެއްލުން ނުވަތަ ނަފްސާނީ އަނިޔާ ދިނުން ހިމެނެ އެވެ. އަދި އެފަދަ ޖަމާއަތެއްގެ ބޮޑު ބައެއް ޖިސްމާނީ ގޮތުން ހަލާކުވެދާ ފަދަ ދިރިއުޅުމުގެ ހާލަތްތައް ގަސްތުގައި ކުރިމަތިކުރުވުމާއި، ދަރިން އުފަންވިޔަނުދިނުމަށް ފިޔަވަޅުތައް އެޅުމާއި، ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތްތަކަށް ބަދަލުކުރުންވެސް ހިމެނެ އެވެ. މީގެއިތުރުން މިފަދަ ކުށެއް ކުރުމަށް ފާޅުގައި ގޮވާލުމަކީވެސް ކުށެއްގެ ގޮތުގައި ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.

މީގެއިތުރުން ދައުލަތަށް ހިޔާނާތްތެރިވުމާއި އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުން ހުރި އަމަލުތައް ކުށުގެ ގޮތުގައި ހިމެނުމަށްވެސް އެ ބިލުގައި ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ދައުލަތުގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ ފަރުވާލެއް ނެތި މުހިންމު އުމްރާނީ ވަސީލަތްތަކަށާއި އަސާސީ ހިދުމަތްތަކަށް ގެއްލުންދިނުމާއި، އާމްދަނީ ލިބޭ މައިގަނޑު ދާއިރާތަކުގެ ހިންގުން ހުއްޓުވާލުން ކުށަކަށް ހެދުމަށް ވަނީ ހުށަހަޅައިފަ އެވެ. އަދި ރާއްޖެއާ ދެކޮޅަށް ހަނގުރާމަކުރުމާއި އެފަދަ ބަޔަކަށް އެހީތެރިވުން ދައުލަތަށް ހިޔާނާތްތެރިވުމުގެ ކުށުގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.