އުއްތަމަ ފަނޑިޔާރުގެ އިނާޔަތްތައް އިތުރުކޮށް، އެމަނިކުފާނުގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މިގޮތަށް ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 95,000 ރުފިޔާއަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސާއި ރަށު ކައުންސިލްތަކުގެ މުސާރަ ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

މިހާރު އުއްތަމަ ފަނޑިޔާރަށް މަހަކު ލިބިވަޑައިގަންނަވަނީ 91،000 ރުފިޔާގެ މުސާރައެކެވެ. މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތްތައް މުރާޖާކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.

މަމްދޫހު ވިދާޅުވީ ދައުލަތުގެ މުސާރަތަކަށް ގެނެވުނު ބަދަލުތަކާއެކު އުއްތަމަ ފަނޑިޔާރަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެއްވަރުގެ މުސާރައެއް ލިބިވަޑައިގަންނަވަންޖެހޭ ކަމަށެވެ. އެގޮތުން އޭނާ ހުށަހެޅުއްވީ އުއްތަމަ ފަނޑިޔާރުގެ ހާއްސަ އެލަވަންސަށް 4،125 ރުފިޔާ އިތުރުކުރުމަށެވެ.

ކޮމިޓީން މި ބަދަލު ފާސްކުރުމާއެކު، އުއްތަމަ ފަނޑިޔާރަށް ޖުމުލަ މުސާރައިގެ ގޮތުގައި މަހަކު 95،125 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.