ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިހާރު ނިންމާފައިވާ ގޮތަށް މަޖިލިސް ރައީސްގެ މުސާރަ ހިމެނޭހެން ވެރިންގެ މުސާރައާއި އިނާޔަތްތައް އިތުރުކުރުމުން ދައުލަތުގެ ޚަރަދަށް އަހަރަކު 40 މިލިއަން ރުފިޔާ އިތުރުވެގެންދާނެތީ، މި ނިންމުން ބަދަލުކުރުމަށް އެމްޑީޕީގެ މެންބަރުން ގޮވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 13 މެންބަރުން ސޮއިކުރައްވައި ނެރުނު ނޫސްބަޔާނުގައި ބުނީ ގައުމުގެ އިގްތިސޯދީ ހާލަތު އިންތިހާއަށް ދަށަށް ގޮސް، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އަތްނުފޯރާ ފަށަށް އުފުލިފައިވާ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަކީ އެކަމުގައި އެމްޑީޕީގެ މެންބަރުންގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމެއް ކަމަށެވެ. އަދި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ 4.5 ބިލިއަން ރުފިޔާ ސަރުކާރުން އިތުރަށް ޚަރަދުކޮށްފައިވާކަން ފާހަގަކޮށް، އެ ބަޔާނުގައި ބުނީ ދައުލަތުގެ ދަރަނި ދުވަހުން ދުވަހަށް ދަނީ ބޮޑުވަމުން ކަމަށެވެ. އަދި ރައްޔިތުން އަތުން ނަގާ ޓެކްސް އިތުރުކުރުމަށް މި ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން އެތައް ގާނޫނަކަށް ވެސް ބަދަލު ގެނެސްފައިވާކަން ފާހަގަކުރި އެވެ.

ހަމައެއާއެކު ލޯކަލް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ އަދަދަކީ ރައްޔިތުންގެ އެތައް ބޭނުންތަކެއް ފުއްދަން ބަޖެޓުގައި ހިމަނާފައިވާ އަދަކަށް ވާއިރު، ބްލޮކް ގްރާޏްޓަށް ބަދަލު ނުގެނެސް، ކައުންސިލަރުންނާއި، ކައުންސިލް ރައީސުންގެ މުސާރައަށް ބަދަލު ގެނައުމަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެތައް ހިދުމަތަކަށް ބުރޫ އަރާނެ ކަމެއް ކަމުގެ ކަންބޮޑުވުން ކައުންސިލްތަކުން ދަނީ ފާޅުކުރަމުންކަމަށް އެ ބަޔާނުގައި ފާހަގަކުރި އެވެ.

މީގެ އިތުރުން ރާއްޖޭގައި ޕޭހާމަނައިޒޭޝަންގެ އެތައް ކަންބޮޑުވުމެއް އޮތްއިރު އަދި އެ ކަންބޮޑުވުންތަކާ ގުޅިގެން ހުށަހެޅި ގަރާރު ގެ މަސައްކަތް ވެސް މިއަދާ ހަމައަށް ނުނިންމައި، މިފަދަ ގޮތަކަށް މުސާރައަށް ބަދަލު ގެނައުމުން އެތައް ރައްޔިތުންނެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މިފަދަ ކަންކަން ހުއްޓުވައި، ސަރުކާރު ޒިންމާދާރުކުރުވުމުގެ ޒިންމާ ގާނޫނުއަސާސީގެ ދަށުން މަތިކުރެވިފައިވާ މުއައްސަސާއަށް ވީ ނަމަވެސް ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން ވަނީ އެކަން ހުއްޓުވާފައި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ހަމައެއާއެކު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިހާރު ނިންމާފައިވާ ގޮތަށް ވެރިންގެ މުސާރައާއި އިނާޔަތްތައް އިތުރުކުރުމުން ދައުލަތުގެ ޚަރަދަށް އަހަރަކު 40 މިލިއަން ރުފިޔާ އިތުރުވެގެންދާނެތީ، މި ނިންމުން ބަދަލުކުރުމަށް އެމްޑީޕީގެ މެންބަރުން ވަނީ ގޮވާލައްވައިފަ އެވެ. އަދި ވަޒީރުންނާއި މަޖިލިސް ރައީސްގެ އިނާޔަތްތައް އިތުރުކުރުމަށްވުރެ މުހިންމު ކަންކަން ރާއްޖޭގެ ރައްޔިތުންނަށް މިވަގުތަށް އޮތުމުން އެކަންކަމަށް އިސްކަން ދިނުމަށް ވެސް ވަނީ ގޮވާލައްވައިފަ އެވެ.

މީގެ އިތުރުން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށާއި ރައްޔިތުންނަށް ލިބެމުންދާ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް ސަރުކާރަށާއި މަޖިލީހަށް އެ މެންބަރުން ވަނީ ގޮވާލައްވައިފަ އެވެ.