ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 95,000 ރުފިޔާއަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސާއި ރަށު ކައުންސިލްތަކުގެ މުސާރަ ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީގައި ފާހަގަކުރި ގޮތުގައި، މިހާރު މަޖިލީހުގެ ރައީސަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 73,125 ރުފިޔާ އެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސަށް 91,000 ރުފިޔާ އަދި އާންމު މެންބަރަކަށް 82,500 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. މުސާރައިގެ މި ފަރަގު އަންނަނީ މަޖިލީހުގެ ރައީސް ކޮމިޓީތަކުގައި ބައިވެރިވެވަޑައިނުގަންނަވާތީ، މެންބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20,000 ރުފިޔާ އެމަނިކުފާނަށް ނުލިބޭތީ އެވެ.
އެހެންކަމުން، އެ ފަރަގު ނައްތާލުމުގެ ގޮތުން މަޖިލީހުގެ ރައީސަށް 22,000 ރުފިޔާގެ އެލަވަންސެއް އިތުރުކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލާއެކު މަޖިލީހުގެ ރައީސްގެ ޖުމްލަ މުސާރަ 95,125 ރުފިޔާއަށް އުފުލޭނެ އެވެ.
މީގެއިތުރުން، އެހެން ކައުންސިލްތަކާ ދެމެދު ހުރި މުސާރައިގެ ފަރަގު ކުޑަކުރުމުގެ ގޮތުން، ރަށު ކައުންސިލްތަކުގެ ރައީސުންނާއި، ނައިބު ރައީސުން އަދި ކައުންސިލަރުންނަށް 5,000 ރުފިޔާގެ ސާވިސް އެލަވަންސެއް ދިނުމަށްވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.
މި އިސްލާހާއެކު ރަށު ކައުންސިލްގެ ރައީސުންގެ މުސާރަ 30,500 ރުފިޔާއަށް، ނައިބު ރައީސުންގެ މުސާރަ 25,000 ރުފިޔާއަށް އަދި ކައުންސިލަރުންގެ މުސާރަ 23,000 ރުފިޔާއަށް ބޮޑުވެގެންދާނެ އެވެ. ހަމައެއާއެކު، ވަޒީރުންގެ ކާރު އެލަވަންސަށް ލިބޭ ފައިސާ އިތުރުކުރުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
ސައުދީގެ ދިފާއުގައި ޔޫކޭއިން ވައިގެ ދިފާއީ ހަރަކާތްތަކެއް
ކެންސަރު ބަލިމީހުން ދިރިތިބޭނެ މުއްދަތު އޭއައިން ލަފާކުރެވޭ