ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސަރުކާރުގެ ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން، އާންމު ރައްޔިތުން ތިބީ "ޕެނެޑޯލް" ގުޅައެއްވެސް ނުލިބިފައި ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމާއިރު އާންމު ރައްޔިތުން އުޅޭ ނިކަމެތި ހާލު ސޯސަން މަގުގައި ހުރި ފާމަސީތަކުގެ ކިއުތަކުން ސާފުކޮށް ފެންނާނެ ކަމަށެވެ. އެގޮތުން އޭޑީކޭ ކުރިމަތީގައި ހުންނަ ފާމަސީތަކުގައި ކިއު ޖަހައިގެން ތިއްބަސް ޕެނެޑޯލް ގުޅައެއްވެސް ލިބެން ނެތް ދަނޑިވަޅެއްގައި، އިސްވެރިންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން ނިންމުމުން މަޖިލިސް މެންބަރުން ލަދުގަންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީން ނިންމާފައި ވަނީ މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އިތުރު އެލަވެންސެއް ދިނުމާއެކު، މުސާރައާއި އިނާޔަތްތަކާއެކު މަހަކު 95،000 ރުފިޔާ ލިބޭގޮތް ހެދުމަށެވެ. އަދި ވަޒީރުންގެ ޑްރައިވާސް އެލަވެންސް 17،000 ރުފިޔާއަށް ބޮޑުކޮށް، މިނިސްޓަރަކަށް މަހަކު 75،000 ރުފިޔާ ލިބޭގޮތަށް ވަނީ ނިންމާފަ އެވެ.
މި ނިންމުމާ ދެކޮޅަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި ނަމަވެސް، ރިޔާސަތުން ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމަވާފަ އެވެ. މަޖިލީހުގެ ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކޮމިޓީގެ މި ނިންމުން ފާސްކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެކަމާމެދު ބަހުސްކުރުމުގެ ފުރުސަތު ލިބިގެންދާނެތީ ކުއްލި މައްސަލައެއްގެ ގޮތުގައި އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ހެނދުނު ބަނޑުހައި ނުވުމަކީ ހަކުރު ބަލީގެ އަލާމާތެއް ތަ؟
ޝަހުސީ ހައްގުތައް: "އޭއައި" ދެކެ ބިރުގަންނަ ކަމަށް ކްރިތީ ބުނެފި
ބަހަނާ ދައްކައި ސަނީ އުމަރުގެ މައްސަލަ ކޯޓުން ކެންސަލް ކުރަނީ