ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުން ދިފާއުވުމަށް ވަކީލަކު އައްޔަނުކުރަން ދިން މުއްދަތަށްފަހު، އެ މައްސަލައިގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މާދަމާ މެންދުރު 13:00 އަށް ތާވަލުކޮށްފައިވަނީ މޭޔަރު ސައުދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ މައްސަލަ އެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާއާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.

މި ދެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ، މަދުވެގެން ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާގައި ބުނެފައި ވަނީ، ތިނަދޫގެ އާބާދީގައި ސިޓީއެއްގެ ޝަރުތު ހަމަވާ 10،000 މީހުން އުޅޭކަން ދެއްކުމުގެ ގޮތުން، މަރުވެފައިވާ މީހުންނާއި ސައްހަ ނޫން މައުލޫމާތު ހިމެނޭ ލިސްޓުތަކެއް ސައުދު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގަށް އެ މައުލޫމާތު ހިއްސާނުކޮށް، އެފަދަ ރިކޯޑެއް ނެތް ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށްވެސް ދައުވާގައިވެ އެވެ.

ނަމަވެސް މޭޔަރު ސައުދު ވަނީ މި ތުހުމަތުތައް މުޅިން ދޮގުކުރައްވާފަ އެވެ. ސައުދު ވިދާޅުވީ މިއީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އޭނާ މަގާމުން ދުރުކުރުމަށް ކުރިއަށްގެންދާ ސިޔާސީ މަސައްކަތެއް ކަމަށެވެ.