ގދ. ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގެ މަރުހަލާގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އެމްޑީޕީގެ ޓިކެޓުގައި މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންނެވި ސައުދުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ސާބިތުވެއްޖެނަމަ، ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައުދުގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާއެއް ކަމަށާއި، އިންތިހާބީ ކައުންސިލްތަކަށް ބިރުދެއްކުން ބަލައިނުގަނެވޭނެ ކަމަށެވެ.

ޕީޖީ އޮފީހުން ސައުދުގެ މައްޗަށް ކުރާ ތުހުމަތުތައް:

  • ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވާކަން ދެއްކުމަށްޓަކައި 4 ސެޕްޓެމްބަރު 2022 ގައި އެލްޖީއޭއަށް ފޮނުވި ލިސްޓުގައި މަރުވެފައިވާ މީހުންނާއި ސައްހަ ނޫން މައުލޫމާތު ހިމެނުން.
  • އެލްޖީއޭއިން ސައްހަ ލިސްޓަކަށް އެދުމުން، 13 އޯގަސްޓު 2023 ގައި ފޮނުވި ލިސްޓުގައި އެހެން ރަށްރަށުގެ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް، އާބާދީއަކީ 10،500 ކަމަށް ބަޔާންކުރުން.
  • ފުލުހުންގެ ތަހުގީގަށް އެ ލިސްޓުު ހިއްސާކޮށްދިނުމަށް އެދުމުން، މައުލޫމާތު ރެކޯޑުކުރެވިފައި ނެތް ކަމަށް ބުނެ ދޮގު ހެދުން.

މި މައްސަލައާ ގުޅިގެން މީގެ ކުރިން ސައުދު ވިދާޅުވެފައި ވަނީ، މީހަކު ހުށަހަޅާ ދޮގު މައުލޫމާތަކަށް ބަލައިގެން ރަށެއް ސިޓީއަކަށް ބަދަލުކުރެވޭނެ ކަމަށް ބުނާ ބުނުމަކީ ތާކުންތާކު ނުޖެހޭ ހެއްވާ ވާހަކައެއް ކަމަށެވެ.