ފަލަސްތީނުގެ ޣައްޒާގެ ބޯޑަރުގައި އިޒްރޭލު ސިފައިންނާއި ހަމާސް ޖަމާއަތުގެ މުޖާހިދުންނާ ދެމެދު ކުރިއަށްދާ ކުރިމަތިލުންތަކުގައި އިޒްރޭލުން ހަމަލާތައް ދިނުން ހުއްޓާލާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދާދި ދެންމެއަކު ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ހަމާސް ޖަަމާއަތުން ވެސް ވަނީ ހުކުރު ދުވަހުގެ މެންދަމުން އަލިވެ ދޭއް ޖަހާއިރު ހަމަލާ ބަދަލުކުރުން ހުއްޓާލާނެ ކަމަށް ބުނެފަ އެވެ.

މި ކުރިމަތިލުންތައް ހުއްޓާލަނީ ޣައްޒާގެ ބޯޑަރުގައި ހަމަލާ ބަދަލުކުރެވެމުންދާތާ އޭގާރަ ދުވަސް ފަހުންނެވެ.

ނަތަންޔާހޫގެ ސެކިއުރިޓީ ކެބިނެޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިސްރު މެދުވެރިއަކަށްވެ، ހުށަހަޅާފައިވާ ސުލްހައިގެ ގަރާރު އެ ގައުމުން ގަބޫލު ކޮށްފައިވާ ކަމަށެވެ.

ގަރާރުގެ ޝަރުތުތައް އަދިވެސް ދެ ފަރާތުގެ ދެމެދުގައި މަޝްވާކުރަމުންދާއިރު ހަމަލާ ބަދަލުކުރުންތައް ހުއްޓާލަން ނިންމާފައި ވަނީ ސަރުކާރުން މި ނިންމުން ނިންމިތާ އެންމެ ތިން ގަޑިއިރު ފަހުންނެވެ.

އެގާރަ ދުވަހަށް ދެމިގެންދިޔަ މި ހަމަލާ ބަދަލުކުރުންތަކުގައި ފަލަސްތީނުގެ 232 އާއްމުން ޝަހީދުވިއިރު، އޭގެ ތެރޭގައި 65 ކުޑަކުދިން ހިމެނިފައިވެ އެވެ. އަދި އޭގެ އިތުރުން ހަމަލާތަކުގައި އިޒްރޭލުން މަރުވި 12 މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެ އެވެ.

ބުދަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ހަމަލާތައް ހުއްޓާލުމަށް އިޒްރޭލަށް ގޮވާލި ނަމަވެސް ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އެ ގޮވާލުމަށް ފުރަގަސްދީ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ބައިޑެންގެ އެ ނިންމެވުން ބަދަލުކުރައްވައި، ހަމަލާތައް ނިމުމަކަށް ގެނައުމަށް ވަނީ ނިންމަވާފައި މިވަނީ އޭގެ ގާތްގަނޑަކަށް 24 ގަޑި އިރު ފަހުންނެވެ.-- އަލް ޖަޒީރާ