ގދ. ތިނަދޫ ސިޓީ ކައުންސިލަށް ފައިސާ ނުދައްކާ ކުންފުނިތަކުގެ މައްސަލަތައް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ތިނަދޫ ސިޓީ ކައުންސިލުން ވަނީ ފައިސާ ނުދައްކާ ކުންފުނިތަކުގެ ތަފްސީލީ މައުލޫމާތު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.

އެކި ފަރާތްތަކުން ތިނަދޫ ސިޓީ ކައުންސިލަށް 45 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހޭކަން އެ ކައުންސިލުން ބުންޏެވެ.

އޭގެތެރޭގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފިތައް ހިމެނޭ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ތިނަދޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި އެހެނިހެން ގޮތްގޮތުން ނުލިބިހުރި ފައިސާގެ ތެރެއިން މިދިޔަ މަހުގެ ނިޔަލަށް ޖުމުލަ 45،804،913 ރުފިޔާ 86 ލާރި ނުލިބި އެބައޮތް ކަމަށެވެ.

ނުދައްކާ ހުރި ކުލީގެ ފައިސާ ހޯދުމަށް ޝަރީއަތަށް ފޮނުވައި އެފަދަ ބިންތަކާމެދު ގާނޫނީގޮތުން ފިޔަވަޅު އަޅަން ފަށައިފައިވާ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އިއުލާނާއެކު ތިނަދޫ ސިޓީ ކައުންސިލުން އެއްކަރުދާސްކުރި މައުލޫމާތުގައިވާ ގޮތުން، ސައުދުﷲ ގެ ސްވިފްޓް އިންޖިނިއަރިން ކުންފުނިން ބިމު ކުލީގެ ގޮތުގައި 81،000 ރުފިޔާ އަދިވެސް ނުދައްކައި އޮތް އިރު، ޖޫރިމަނާގެ ގޮތުގައި އެ ކުންފުނިން 351،789 ރުފިޔާ ހަތަރު ލާރި ދައްކަންޖެހެ އެވެ.

އޭގެ އިތުރުން ސައުދުﷲ ގެ މިމްސް ކޮންސްޓްރަކްޝަނުން ބިމު ކުލީގެ ގޮތުގައި 41،520 ރުފިޔާ އަދި ނުދައްކާ އޮތް އިރު ޖޫރިމަނާގެ ގޮތުގައި 43،939 ރުފިޔާ 73 ލާރި ދައްކަންޖެހެ އެވެ. އެއީ އޮކްޓޯބަރު 2019އިން ފެށިގެން މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ކުންފުނިން ބިމުކުއްޔާއި ޖޫރިމަނާގެ ގޮތުގައި ނުދައްކައި އޮތް ފައިސާ އެވެ.

އަދި އޮގަސްޓު 2023އިން ފެށިގެން ޖޫން 12، 2025ގެ ނިޔަލަށް ކުލީގެ ގޮތުގައި ސައުދުﷲ 115،000 ރުފިޔާ ދައްކަވަން ޖެހޭއިރު ޖޫރިމަނާގެ ގޮތުގައި 318،155 ރުފިޔާ 10 ލާރި ދައްކަވަން ޖެހެ އެވެ.

އެހެންކަމުން ސައުދުﷲ ގެ ފަރާތުން ޖުމުލަ 951،403 ރުފިޔާ 87 ލާރި ތިނަދޫ ސިޓީ ކައުންސިލަށް ލިބެންޖެހޭ ކަމަށް، އެ ކައުންސިލުން ބުންޏެވެ.

އެ ކައުންސިލުން ބުނީ މޯލްޑިވް ގޭސްއިން ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލަށް 6،481،923 ރުފިޔާ އަށް ލާރި ނުދައްކާ އެބައޮތް ކަމަށެވެ.

ތިނަދޫގެ ވިޔަފާރިއެއް ކަމަށްވާ ޑީއެމްއެން ހާޑުވެއާއިން 7،119،559 ރުފިޔާ 12 ލާރި ބިމުކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭއިރު އަޒްރޯވާ މޯލްޑިވްސް ކުންފުނީގެ ފަރާތުން 4،063،290 ރުފިޔާ 41 ލާރި ދައްކަންޖެހޭ ކަމާއި އަކުއާ ލައިން ކުންފުނިން 13،716،225 ރުފިޔާ 97 ލާރި ދައްކަންޖެހޭ ކަމަށް ވެސް، ކައުންސިލުން ބުންޏެވެ.