އާސިކްސް ކުންފުނިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، މިހާރުގެ މީހުން ހޭލާ ތިބޭ ވަގުތުގެ 86 އިންސައްތަ ހޭދަކުރަނީ ހަރަކާތްތެރިކަމެއް ނެތި އެވެ. ނަމަވެސް ހެނދުނު ހެނދުނާ ކަސްރަތު ކުރުމަކީ ސިކުނޑި ހޭލައްވައި، ނިދީގެ ފެންވަރު ރަނގަޅުކޮށް، ހަށިގަނޑުގެ ސަރުބީ ދުއްވައިލުމަށް އެހީތެރިވެދޭ ކަމެއްކަން ތަޖުރިބާކާރުން ބުނެ އެވެ.

ޔުނިވާސިޓީ އޮފް ސަދަން ކެލިފޯނިއާގެ ޕްރޮފެސަރު ޑޭވިޑް ރައިކްލެން، ވިދާޅުވި ގޮތުގައި ހެނދުނު ހޭލާ ވަގުތު ސިކުނޑި "ސްލީޕް އިނާޝިއާ" ނުވަތަ ވަގުތީ ލަސްކަމެއްގެ ތެރެއަށް ވެއްޓިފައި ހުންނައިރު، ކޯޓިސޯލް ހޯމޯން މަތިވެ، ހަށިގަނޑުގެ ފިނިހޫނުމިން، ހިތުގެ ތެޅުން އަދި ލޭގެ ޕްރެޝަރު ހޭލުމަށް ތައްޔާރުވެ އެވެ.

ކަސްރަތު ފެށުމާއެކު ހިތާއި ފުއްޕާމޭގެ މަސައްކަތް އަވަސްވެ، މަސްތަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ހިތުގެ ތެޅުން އަވަސްވެ އެވެ. ކިތަންމެ ލުއިކޮށް ހިނގާލިނަމަވެސް، ހަށިގަނޑަށް އަންނަ ބަދަލު ފާހަގަކުރެވޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ހެނދުނުގެ ކަސްރަތަކީ ނިދީގެ ފެންވަރަށް ވެސް ހެޔޮ އަސަރުކުރާ ކަމެއްކަން ޕްރޮފެސަރު ރައިކްލެން ފާހަގަކުރެއްވި އެވެ. "ހެނދުނުގެ ހަރަކާތްތައް، ދުވާލުގެ އަލިކަމާއެކުވުމުން، ހަށިގަނޑުގެ ގަޑިއަށް ބާރުދެވޭ" އޭނާ ވިދާޅުވި އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހެނދުނުގެ ކަސްރަތަކުން މެލަޓޯނިން ޕްރޮޑިއުސްވުން ފެށޭ ވަގުތަށް ބަދަލު ގެނެސްދީ، ނިދުމުގެ ފެންވަރު ރަނގަޅުކޮށްދެވިދާނެ އެވެ. ނަމަވެސް މިއީ ކޮންމެ މީހަކަށް ވެސް އެއްގޮތަކަށް ކުރާ އަސަރެއް ނޫން ކަމަށާއި، ނިދި ގުރުބާން ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމުގައި ޕްރޮފެސަރު ރައިކްލެން ވިދާޅުވި އެވެ.

މެންޗެސްޓާ މެޓްރޮޕޮލިޓަން ޔުނިވާސިޓީގެ ނިއުޓްރިޝަނަލް އެންޑް އެކްސަސައިޒް ފިޒިއޮލޮޖިސްޓް ޑރ. އަޑޯރާ ޔައު ވިދާޅުވި ގޮތުގައި، ހެނދުނުގެ ނާސްތާގެ ކުރިން ކަސްރަތު ކުރުމަކީ ސަރުބީ ދުއްވައިލުމަށް އެހީތެރިވެދޭ ކަމެކެވެ. ރޭގަނޑު ނުކައި ގިނަވަގުތުވުމަށްފަހު، ހަށިގަނޑުގައިވާ ކާބޯހައިޑްރޭޓް ރިޒާވް ދަށްވެފައި ހުންނާތީ، ހަކަތަ ހޯދުމަށް ހަށިގަނޑު ބޮޑަށް ބަރޯސާވަނީ ސަރުބީ އަނދާ އެނދުމަށެވެ. މީގެ އިތުރުން، ބަނޑުހައިކޮށް ހުރެ ކަސްރަތު ކުރުމަކީ އިންސިއުލިން ރެސްޕޮންސް ރަނގަޅުކޮށްދީ، ހަކުރުބައްޔާއި ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކޮށްދޭ ކަމެއް ކަމަށް ވެސް ޑރ. ޔައު ފާހަގަކުރެއްވި އެވެ.

ހެނދުނު ކަސްރަތު ކުރުމަކީ މުޅި ދުވަހުގެ މަސައްކަތަށް ސަމާލުކަން ދިނުމަށާއި، މިޒާޖު (މޫޑު) އުފާވެރިކޮށް ބެހެއްޓުމަށް ވެސް ލިބޭ ބޮޑު ބާރެކެވެ. މަސައްކަތުގެ ވަގުތު ފެށުމުގެ ކުރިން ކަސްރަތު ނިންމާލުމުން، ދުވަހުގެ ބާކީ ބައިގައި އެހެން ކަންކަމަށް ހުރަހެއް ނޭޅި، ކަސްރަތުގެ އާދަ ދެމެހެއްޓުމަށް ފަސޭހަވެގެންދެ އެވެ. އިރުއޮއްސޭ ވަގުތު ކަސްރަތު ކުރުމަށް ވުރެ، ހެނދުނު ވަގުތު ކުރުމުން ވަރުބަލިވެގެން ކަސްރަތު ދޫކޮށްލުމުގެ ފުރުސަތު ކުޑަވާކަމަށް މާހިރުން ބުނެ އެވެ.

ނަމަވެސް، ހެނދުނު ކަސްރަތު ކުރާނަމަ އެއީ ކޮންމެހެން މާ ބުރަ ކަސްރަތަކަށް ވާކަށް ނުޖެހެ އެވެ. ފަތިހުގެ ފިނި ވަގުތު ނުވަތަ އަލިވިލޭ ވަގުތު ހިނގާލުމަކީ ވެސް ފުދޭވަރުގެ ރަނގަޅު ކަސްރަތެކެވެ. މާހިރުންގެ ލަފައަކީ، ހެނދުނު ވިޔަސް ނުވަތަ ދުވަހުގެ އެހެން ވަގުތެއްގައި ވިޔަސް، ހަށިގަނޑަށް ބޭނުންވާ ނިންޖާއި ކާނާއަށް އުނިކަމެއް ނާންނަ ގޮތަށް ގަވާއިދުން ދެމެހެއްޓެނިވި ގޮތެއްގައި ކަސްރަތު ކުރުމެވެ.