އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް އާއި އޭނާގެ ލޯބިވެރިޔާ، މޮޑެލް ޓަޓިއާނާ ގެބްރިއެލާގެ އެއް އަހަރުވީ ލޯބީގެ ގުޅުން ނިމުމަކަށް އަތުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި ގުޅުން ނިންމާލަން އިސްނެގީ ޓަޓިއާނާ އެވެ. ދެމީހުން ވަކިވާން މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެކަކު އަނެކަކަށް އޮންނަ އިތުބާރު ކުޑަވުމާއި، ޖޯ ޖޯނަސްގެ ބުރަ މަސައްކަތުގެ ތާވަލު ހިމެނެ އެވެ.

މިކަމާ ގުޅޭގޮތުން ހަބަރު ފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދިން ފަރާތަކުން ހާމަކުރި ގޮތުގައި، މި ދެމީހުން އެކުގައި ވޭތުކުރި ދުވަސްތަކަކީ އުފާވެރި ދުވަސްތަކެއް ނަމަވެސް، ފަހަކަށް އައިސް ދެމީހުންގެ ދެމެދުގައި އިތުބާރުގެ މައްސަލަތަކެއް އުފެދި ހައްލުކުރަން ދަތިވި ކަމަށެވެ. މީގެއިތުރުން، ޖޯނަސް ބްރަދާސްގެ ޓުއާތަކުގެ ބުރަކަމާއި، ކުރީގެ އަނބިމީހާ ސޯފީ ޓާނާއަށް ލިބިފައިވާ ދެ ދަރިން ބެލުމުގެ ޒިންމާތަކުގެ ސަބަބުން ދެމީހުންނަށް އެކުގައި ހޭދަކުރާނެ ވަގުތު ނުލިބި ދެމެދުގައި ދުރުކަމެއް އުފެދުނެވެ.

ދާދިފަހުން ޓަޓިއާނާ ސޯޝަލް މީޑިއާގައި ހިއްސާކުރި މާނަފުން ޕޯސްޓަކާ ގުޅިގެން މި ދެމީހުންގެ ގުޅުމާމެދު ސުވާލު އުފެދިފައިވަނިކޮށް، ވަކިވިކަމުގެ ހަބަރުތައް ފެންމަތިވި ނަމަވެސް، މިކަމާ ގުޅޭގޮތުން އެ ދެމީހުން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.

މި ދެމީހުން ވަކިވި ނަމަވެސް، އެމީހުންގެ ގާތް ރަހުމަތްތެރިން ގަބޫލުކުރާ ގޮތުގައި ކުރިމަގުގައި އެ ދެމީހުން އަލުން ގުޅުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.