ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާގެ ހުތުރު އަދި އަސްލު އޮޅުވާލާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުކުރި މައްސަލައެއްގައި ހައްޔަރުކުރި މީހާ، މުމްބާއީގެ ކޯޓަކުން ދޫކޮށްލައިފި އެވެ.
މި މައްސަލާގައި ސޮނާކްޝީ ބަންދްރާ ޕޮލިހަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނިއުދިއްލީއަށް ނިސްބަތްވާ އާރިޔަން ދީޕަކް ޖެއިން ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ދިއްލީގެ ޝަހްދަރާ ސަރަހައްދުންނެވެ. އޭނާ ހައްޔަރުކުރުމަށްފަހު ފްލައިޓެއްގައި ވަގުތުން މުމްބާއީއަށް ގެންގޮސް، ފޮޓޯތައް ބަދަލުކުރުމަށް ބޭނުންކުރި އިލެކްޓްރޯނިކް ވަސީލަތްތައް ހޯދުމަށް ތިން ދުވަހުގެ ބަންދުގެ މުއްދަތެއް ދިނުމަށް ފުލުހުން ކޯޓުގައި އެދުނެވެ.
ނަމަވެސް، މުމްބާއީގެ މެޖިސްޓްރޭޓް ކޯޓުން ވަނީ ފުލުހުންގެ އެދުމަށް އިންކާރުކޮށް، އޭނާ ވަގުތުން ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ. ކޯޓުން މިގޮތަށް ނިންމީ އާރިޔަން ހައްޔަރުކުރުމުގައި ގާނޫނީ އިޖުރާއާތުތަކާ ހިލާފުވެފައިވާތީ އެވެ.
އެގޮތުން، ދިއްލީން މީހަކު ހައްޔަރުކުރުމަށްފަހު އެންމެ ކައިރީގައި ހުރި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުނުކޮށް ސީދާ މުމްބާއީއަށް ގެންދިޔަ ސަބަބާމެދު ކޯޓުން ވަނީ ސުވާލު އުފައްދާފަ އެވެ. އަދި އިންޑިއާގެ ޖިނާއީ އިޖުރާއާތުގެ ގާނޫނު (ބީއެންއެސްއެސް) ގެ ދަށުން ހައްޔަރުކުރަންޖެހޭ ސަބަބު ތަހުގީގީ އޮފިސަރު ބަޔާންކޮށްފައި ނުވާކަމަށާއި، ހަމައެކަނި މައްސަލަ ތަހުގީގުކުރުމުގެ ބޭނުމުގައި ގާނޫނީ ރައްކާތެރިކަމާ ހިލާފަށް މީހަކު ބަންދުގައި ނުބެހެއްޓޭނެ ކަމަށް ކޯޓުން ފާހަގަކުރި އެވެ.
މީގެ އިތުރުން، އާރިޔަންގެ ވަކީލުން ވަނީ އޭނާއަށް ދޭންޖެހޭ ގާނޫނީ ނޯޓިސް ދީފައިނުވާ ކަމަށާއި، މި މައްސަލާގައި ޝަކުވާ ހުށަހެޅީ މަޝްހޫރު ފަރާތަކަށް ވާތީ ފުލުހުން އަވަސްއަރުވާލައިގެން ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެފަ އެވެ.
އާރިޔަން ބަންދުން ދޫކޮށްލި ނަމަވެސް، ސޮނާކްޝީ ސިންހާ ހުށަހެޅި މި މައްސަލައިގެ ތަހުގީގު ބަންދްރާ ޕޮލިހުން އަދިވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.
ތިނަދޫ ކައުންސިލަށް ފައިސާ ނުދައްކާ މައްސަލަތައް ކޯޓަށް
ޕީއެންސީއާ އެކު ކޯލިޝަން ހަދަން އަދާލާތު ޕާޓީން ނިންމައިފި
ދެ މިލިއަން ފީފާގެ ތެޔޮ ހިފައިގެން ދިޔަ ޓޭންކަރެއް އަޑިއަށްގޮސްފި