ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރަމުން ދިޔަ، ދެ މިލިއަނަށް ވުރެ ގިނަ ފީފާގެ ސާފުނުކުރާ ތެޔޮ ބަރުކޮށްފައިވާ ސުޕަޓޭންކަރެއް ކަނޑުއަޑީގެ މައިނެއްގައި ޖެހި، އަލިފާން ރޯވުމުގެ ސަބަބުން އަޑިއަށް ގޮސްފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފި އެވެ.
އައިއާރްޖީސީން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހޮރުމުޒް ކަނޑުއޮޅީގެ ދެކުނު ސަރަހައްދުން ހުއްދަނެތި ދަތުރުކުރި ދެ ތެޔޮ ޓޭންކަރެއް ކަނޑުއަޑީގެ މައިނުތަކެއްގައި ޖެހި ބޮޑެތި ގޮވުންތަކެއް ގޮވައި، އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވާ ކަމަށެވެ. މީގެ ތެރެއިން ދެ މިލިއަން ފީފާގެ ތެޔޮ ހުރި ސުޕަޓޭންކަރު ވަނީ ގަލްފުގެ ކަނޑުގެ ސަރަހައްދަށް ބަންޑުން ޖަހާލައި އަޑިއަށް ގޮސްފަ އެވެ. ނަމަވެސް، މި ހާދިސާ ހިނގިކަން އެއްވެސް މަސްދަރަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އަދި އަޑިއަށް ދިޔަ އުޅަނދުގެ ނަމާއި އެއީ ކޮން ގައުމަކަށް ނިސްބަތްވާ އުޅަނދެއް ކަމެއް ވެސް އީރާނުން ހާމަކޮށްފައެއް ނުވެ އެވެ.
މިދިޔަ ފެބުރުއަރީ މަހުގެ ފަހުކޮޅު މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން، އީރާނުން ވަނީ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުން ވަރަށް ބޮޑަށް ހަނި ކޮށްފަ އެވެ. އަދި އީރާނުގެ ހުއްދަ ލިބިގެން ނޫނީ އެ ސަރަހައްދުން ދަތުރު ނުކުރުމަށް އަންގައި، ހުއްދަނެތި ދަތުރުކުރާ އުޅަނދުފަހަރަށް އަމާޒުކޮށް އީރާނުން ދަނީ ހަމަލާތައް ދެމުންނެވެ. ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށް، ތެޔޮ ޓޭންކަރުތަކަށް ސަލާމަތްތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އެ ސަރަހައްދުގެ މައި ދަތުރުފަތުރުގެ މަގުތަކުގައިވާ މައިނުތައް ސާފުކޮށްފައިވާ ކަމަށް ވެސް އެމެރިކާގެ އަސްކަރިއްޔާއިން ދާދިފަހުން ވަނީ ބުނެފަ އެވެ.
މި ސަރަހައްދުގެ އަސްކަރީ ކަންކަން ބަލަހައްޓާ އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ހޫނުމޫސުމުން ފެށިގެން މިހާތަނަށް ގަލްފުގެ ގައުމުތަކުން 1.5 ބިލިއަން ފީފާގެ ތެޔޮ ހޮރުމުޒް ކަނޑުއޮޅި ހުރަސްކޮށް ބޭރުކުރުމުގައި އެމެރިކާއިން ވަނީ އެހީތެރިކަން ދީފަ އެވެ.
ބްރިޓިޝް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނެފައިވަނީ އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ގަލްފު ކަނޑުގައި ޓޭންކަރަކަށް ހަމަލާއެއް ދީފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ އީރާނުން މި ބުނާ ހާދިސާ ކަމެއް އަދި ސާފެއް ނުވެ އެވެ. ޔޫކޭއެމްޓީއޯ އިން އިތުރަށް ބުނެފައިވަނީ އެ ހާދިސާގައި ލިބުނު ގެއްލުމާއި ތިމާވެއްޓަށް ކުރާނެ އަސަރު އަދި ނޭނގުނު ނަމަވެސް، އުޅަނދުގެ ފަޅުވެރިން ސަލާމަތުން ތިބި ކަމަށެވެ.
ޕީއެންސީއާ އެކު ކޯލިޝަން ހަދަން އަދާލާތު ޕާޓީން ނިންމައިފި
ރޭޕްގެ ކުށް ސާބިތުވި މީހަކު 15 އަހަރަށް ޖަލަށް
ތިނަދޫ ކައުންސިލަށް ފައިސާ ނުދައްކާ މައްސަލަތައް ކޯޓަށް