ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހަށް ގެންދެވި ކަޅު ދަބަހުގައި ހުރީ އާރަށުގައި ކުޅުއްވަން ބޭނުންކުރެއްވި ބޫޓު ކަމަށް ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މުހައްމަދު އިސްމާއިލް ވަނީ އެ ދަބަހުގައި ފައިސާ ނުވަތަ ޑޮލަރު ހުރި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. މަޖިލީހުގެ ރިޔާސަތަށް މުހާތަބު ކުރައްވައި އޭނާ ވިދާޅުވީ، މިނިސްޓަރު މުއްތަލިބު މަޖިލީހަށް ވަޑައިގެންނެވީ އާރަށުގައި ކުޅެން ހުންނަވާފައި ސީދާ ބައްދަލުވުމަކަށް ކަމަށާއި، ދަބަހުގައި އޮތީ ކުޅެން ގެންގުޅުނު ބޫޓު ކަމަށެވެ. އަދި ތަޅުމުގައި އެފަދަ ބުހުތާނު ދޮގު ވާހަކަތައް ދައްކާތީ ރިޔާސަތުން އެކަން ހުއްޓުވަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުހައްމަދު އިސްމާއިލް މިފަދައިން ވިދާޅުވީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހުގައި ވާހަކަދައްކަވަމުން، މިނިސްޓަރު މުއްތަލިބު ދަބަހެއް ހިއްޕަވައިގެން މަޖިލީހަށް ވަޑައިގެންނެވީ ޕީއެންސީގެ މެންބަރުންގެ އަނގަ ބަންދުކޮށް، ޑޮލަރު ބެހުމަށް ކަމަށް ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ. މީކާއީލް ވަނީ ރާއްޖޭގެ ރައްޔިތުންގެ ޖީބަށް ޑޮލަރު ނުވަނަސް، ބިން ވިއްކުމަށްޓަކައި މަޖިލީހުގެ ޕީއެންސީ މެންބަރުން ޑޮލަރުން ތިޔާގިވެއްޖެ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މި ވާހަކަތަކާ ގުޅިގެން މަޖިލީހުގެ މަސްލަހަތު ގެއްލި، ރިޔާސަތުން ވަނީ މީކާއީލްގެ ނަން އިއްވަވާފަ އެވެ.
ރޭގެ ލަސް ވަގުތެއްގައި މަޖިލީހުގެ އިދާރާއަށް މިނިސްޓަރު މުއްތަލިބުގެ އިތުރުން ދައުލަތުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ބަންޑާރަނައިބު އަހުމަދު އުޝާމް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވަޑައިގެން ޕީއެންސީގެ މެންބަރުންނާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމަށްފަހު މުއްތަލިބު ނުކުމެވަޑައިގެންނެވީ ބޮޑު ކަޅު ދަބަހެއް ކޮނޑުގައި އަޅުއްވައިގެންނެވެ. އެ ވަގުތު އެތަނުގައި ތިބި ނޫސްވެރިން އެ ދަބަހާ ގުޅޭގޮތުންނާއި ދަންވަރު ވަޑައިގެންނެވި ބޭނުމާ ބެހޭގޮތުން ސުވާލު ކުރުމުން ވެސް މިނިސްޓަރު އެއްވެސް ޖަވާބެއް ނުދެއްވި އެވެ.
މިނިސްޓަރުގެ ދިފާއުގައި މުހައްމަދު އިސްމާއިލް ވާހަކަދެއްކެވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު މަޖިލިސް މެންބަރުންނަށް ބެއްސެވި ކަމަށް ބުނާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ގޯނި ހިފައިގެން މެންބަރުންގެ އަރިހަށް ވަޑައިގެންނެވި ކަމަށް އޭނާ ވަނީ 2016 ވަނަ އަހަރު މަޖިލީހުގެ ތަޅުމުގައި އަމިއްލައަށް އިއުތިރާފުވެވަޑައިގެންފަ އެވެ. އޭރު ވެސް އޭނާ އެ ވާހަކަ ދެއްކެވީ އިދިކޮޅު އެމްޑީޕީގެ ތުހުމަތުތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔަން ޖެހޭ: ނަޝީދު
ޖިންސީ ގޯނާ ކުރި 20 މީހަކު ތިބީ ގޭބަންދުގައި: މެންބަރު ކުޑޫ
އިތުބާރުގެ މައްސަލައާއެކު ޖޯ ޖޯނަސް އާއި ޓަޓިއާާނާ ވަކިވެއްޖެ