ދިއްލީ (22 މެއި) - އިންޑިއާއިން ފެނުނު ކޮވިޑް- 19ގެ އާވޭރިއަންޓްއެއް ކަމަށްވާ އިންޑިއާ ވޭރިއަންޓް ބައިނަލްއަގްވާމީ މުޖުމައަށް ފޮރުވައި، ފަސް އަޅަން މަސައްކަތް ކުރާކަން ދޭހަވާ ގޮތަށް މަސައްކަތް ކޮށްފި އެވެ.
އެގޮތުން އިންޑިއާގެ ސަރުކާރުން މިވަނީ އިންޑިއާ ވޭރިއަންޓް އާ ބެހޭގޮތުން އާއްމު ކޮށްފައިވާ ސޯޝަލް މީޑިއާ ކޮންޓެންޓްތައް ނެގުމަށް ހުރިހާ ސޯޝަލް މީޑިއާތަކަށް އަންގައިފަ އެވެ.
ސައިންސްވެރިން ބީ. 1. 617 ގެ ނަމުން ނަންދީފައިވާ މިވޭރިއަންޓް ފުރަތަމަ ފެނިފައި ވަނީ އިންޑިއާ އިންނެވެ. އެތައް ހާސް ގުނައެއް ހަލުވި ކަމާއެކު ފެތުރޭ މިވޭރިއަންޓްއަކީ މިވަގުތު ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުގައި ކޮވިޑްގެ ހާލަތު ބޮއްސުންލާން ދިމާވި ސަބަބު ކަމަށް މާހިރުން ބުނެ އެވެ.
ހުކުރު ދުވަހު ނެރުނު މި އެންގުމުގައި އިލެކްޓްރޯނިކްސް އެންޑް އިންފޯމޭޝަން މިނިސްޓްރީން ބުނެފައި ވަނީ އިންޑިއާ ވޭރިއަންޓް އާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ސަރުކާރަށް ކުރެވެމުންދާ އިލްޒާމްތަކާ މެދު ކަންޓޮޑުވާ ކަމަށާއި ބީ. 1. 617 ވޭރިއަންޓްއަކީ ކޮން ގައުމަކުން އުފަންވި ވޭރިއަންޓްއެއް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައި ނުވާ ކަމަށެވެ.
"ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މި ވޭރިއަންޓް އާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރަމުންދާކަން ސަމާލުކަމަށް ވަނީ އައިސްފައި. 'އިންޑިއާ ވޭރިއަންޓް'އެއް ކަމަށް ބުނާ ވޭރިއަންޓެއް ގައުމުތަކުގައި ފެތުރެމުންދާ ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް،" އެ އެންގުމުގައިވެ އެވެ.
އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދިޔުމާއެކު ގިނަ ބަޔަކު ވަނީ ގައުމު އެ ހާލަތަށް ވެއްޓުނީ ސަރުކާރުގެ ނާގާބިލްކަމުން ކަމަށް ބުނެ އިންޑިއާ ވޭރިއަންޓެއް އުފެދެން މެދުވެރިވީ ވެސް ސަރުކާރުގެ ސިޔާސަތުތައް ދޯހަޅިވެގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޑިއާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
ކޮވިޑް-19ގެ އާ ވޭރިއަންޓްތައް ފާހަގަކުރަން އެ ވޭރިއަންޓް އެއް އެންމެ ފުރަތަމަ ފެނުނު ގައުމަކާ ގުޅުވުމަކީ އާއްމުކޮށްކުރާ ކަމެކެވެ. އެ ބީދައިން އިންޑިއާގެ ސަރުކާރުން ވެސް ވަނީ އެތައް ފަހަރެއްގެ މަތިން "ޔޫކޭ ވޭރިއަންޓް" ބޭނުންކޮށްފަ އެވެ. -- އޭއެފްޕީ