ޣައްޒާ (22 މެއި)- އެގާރަ ދުވަހަށް ދެމިގެން ދިޔަ އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ޣައްޒާގެ ފެނުގެ ނިޒާމުގެ 50 ޕަސެންޓް ހަލާކުވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

ގާތްގަނޑަކަށް 800،000 މީހުންނަށް ސާފު ފެން ނުލިބޭ ކަމަށާއި ޣައްޒާގެ ބޮޑު އާބާދީއެއް އެންމެ އަސާސީ އިންސާނީ ވަސީލަތްތަކުން މަހުރޫމް ވެފައިވާ ކަމަށް އދ އިން ބުނެފައިވެ އެވެ.

ޣައްޒާގެ ޕަބްލިކް ވޯކްސް އެންޑް ހައުސިން މިނިސްޓްރީ އާއި ހަވާލާދީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނެފައި ވަނީ 17،000 އަށްވުރެ ގިނަ މަދަނީ އަދި ވިޔަފާރި ޔުނިޓްތަކަށް ހަމަލާތަކުގައި ގެއްލުން ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން 769 ޔުނިޓް މީހުންނަށް ވަދެ ނޫޅެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

އެގާރަ ދުވަހަށްފަހު މިދިޔަ ހުކުރު ދުވަހު ހަމަލާތައް ހުއްޓާލާފައިވާއިރު، މި ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން ޝަހީދު ވެފައިވާ ކަމަށް އިދާރާތަކުން ބުނެ އެވެ.

އދ. އިން އިތުރަށް ބުނީ ތައުލީމު ދޭ 53 އިމާރާތަކާއި ހަ ހޮސްޕިޓަލެއްގެ އިތުރުން 11 ޕްރައިމަރީ ހެލްތް ކެއާ ސެންޓަރު ހަމަލާތަކުގައި ބިމާ ހަމަވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ހޮސްޕިޓަލުން ކަރަންޓް ކެނޑުމުގެ ސަބަބުން ހިދުމަތް ދިނުން ވަނީ މެދުކެނޑިފަ އެވެ. އަދި ހަމަ އެއާއެކު ޣައްޒާގެ ސްކޫލްތައް ބަންދުކޮށްފައިވާއިރު އޭގެ ސަބަބުން 600،000 އަށް ވުރެ ގިނަ ކުޑަކުދިންނަށް އަސަރު ކޮށްފައިވެ އެވެ. – އަލް އަރަބިއްޔާ