މިނިސްޓަ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް އިބުރާހިމް މުހައްމަދު ސާލިހު އެމަގާމަށް އައްޔަން ކޮށްފައިވަނީ ހ. ޔެލޯރޯޒް، މުހައްމަދު ޝަރީފު ކަމަށެވެ.

ޝަރީފަކީ، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބާމިންހަމްގެ އިލެކްޓްރޯނިކް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިގް ވިތް މެނޭޖްމަންޓް އިން މާސްޓާސް އޮފް އިންޖިނިއަރިން ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ޝަރީފު އަދާކުރައްވާފައިވަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމެވެ. އަދި ޝަރީފަކީ 2020 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހިންގާ ބޯޑުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޯޑު ތަމްޞީލުކުރައްވަމުންދާ ބޭފުޅެކެވެ.

މީގެ އިތުރުން މުޙައްމަދު ޝަރީފަކީ ވަރަށް ގިނަ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ނެޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ޗީފް އިންފޮމޭޝަން އޮފިސަރުގެ މަގާމާއި ސައިރިކްސް ކޮލެޖުގެ ރެކްޓަރުގެ މަގާމު ފަދަ މަގާމުތައް ޝަރީފު ވަނީ ފުރުއްވާފަ އެވެ.