ހުސްވެފައިވާ އޮޑިޓާ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒިޔަތު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުން ބުނެފައިވަނީ އަންނަ މަހުގެ 6 އަދި 7 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:30 އާ ދެމެދު އޮޑިޓާ ޖެނެރަލް މަގާމަށް ކުރިމަތިލާ ފަރާތްތަކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށައެޅުން އެދޭ ކަމަށެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ އެ މަގާމު އަދާކުރުމަށް ބޭނުންވާ ތައުލީމާއި ޤާބިލުކަން ހުރި ފަރާތްތަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް އިން ޤަބޫލުކުރާ އެކައުންޓިން ޖަމާއަތެއްގެ މެންބަރު ކަމުގައިވުމާއި ރާއްޖޭގައި އެކައުންޓިން ދާއިރާގައި މަސައްކަތްކުރުމުގެ ހަތް އަހަރުގެ ތަޖުރިބާހުރުން ޝަރުޠުތަކުގެ ތެރޭގައި ހިމެނެ އެވެ.
އޮޑިޓާ ޖެނެރަލްގެ މަޤާމުގެ ޝަރުތުތަކުގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި އެހެން ގައުމެއްގެ ރައްޔިތުކަން ނެތުމާއި، އުމުރުން 35 އަހަރާއި 65 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުމާއި، ބުއްދި ސަލާމަތުން ހުރުމާއި އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން ހިމެނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މީގެ އިތުރުން އެ އޮފީހުން ބުނީ އެ މަގާމުގައި ހުރެ އިތުރު މަގާމެއް ނުވަތަ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއް މެންބަރެއް ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހެއް ކަމުގައިނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ ކަމަށެވެ.
ކުރިން އޮޑިޓާ ޖެނެރަލްގެ މަޤާމުގައި ހުންނެވި ހަސަން ޒިޔަތު އެ މަގާމުން އިސްތިއުފާދެއްވީ ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓްގައި ނަން އޮތުމުންނެވެ. އެ ލިސްޓްގައި ނަށް އޮތުމުން އޮޑިޓާ އޮފީހުގެ ނަން ކިލަނބު ވިޔަނުދިނުމަށް ކަމަށް ބުނެ އެވެ.