ނައިބު ރައީސް ފައިސަލް ނަސީމް ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫއާއި އެ ރަށަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކާއި ދަތިތަކަށް ހައްލެއް ހޯދުމާ ގުޅޭގޮތުން އެ ރަށު އިދާރާތަކާއެކު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
އޮންލައިންކޮށް މިއަދު ބޭއްވި އެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި، އެމްޓީޓީސީގެ ބޭފުޅުންނާއި، ފުވައްމުލަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރާއި ކައުންސިލް މެންބަރުންގެ އިތުރުން ފުވައްމުލަކުގެ އެކި އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ.
އެގޮތުން ފުރަތަމަ މަޝްވަރާ ކުރެއްވީ ފުވައްމުލަކުގައި ފެން ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަގުހެދުމުގެ މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުންނެވެ.އެ ބައްދަލުވުމުގައި ފުވައްމުލަކުގެ ކައުންސިލުން ވަނީ ސްޓޯމް ވޯޓާ ސިސްޓަމާއި ނުހަދާ ހުރި މަގުތައް ގުޅުވޭ ގޮތަށް ސްޓޯމް ސިސްޓަމް އިސްލާހު ކުރަން ޖެހޭނަމަ އިސްލާހުކުރަން ބޭނުންވާ ކަމުގައި ބުނެފަ އެވެ. އަދި މަގުގެ ކާނުތަކުގެ ސްލެބު ދަށުން އަޅާފައިވާ ހުރިހާ ހޮޅިތައް ނަގައި ސްލެބް ދަށުން ޖާގަ ތަނަވަސް ކުރަން އަދި ކަލްވަޓްތައް ފުޅާކުރުމަށް ބޭނުންވާ ކަމުގައިވެސް ކައުންސިލުން ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން މަގު ހެދުމުގައި ސަމާލުކަން ދިނުމުގައި ހުރި މުހިއްމު ކަންކަމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.
އެއަށްފަހު ކުރައްވާފައި ވަނީ ކޮވިޑް-19ގެ ހާލަތުގައި ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާއި، އެކި އިދާރާތަކުން ދެމުންދާ ހިދުމަތްތައް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އެ މުއައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުންނެވެ. އެގޮތުން ފުވައްމުލަކުގެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި، ވެމްކޯގެ މަސައްކަތްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާ އެއްގައި މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެވެ.
އެ ބައްދަލުވުމުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވަނީ ވަނީ ފެން ބޮޑުވުމުގެ މައްސަލަ މި ފަހުން ދިމާ ނުވާ ވަރަށް ފުވައްމުލަކުގައި މިހާރު އެމައްސަލަ ދިމާވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ، އެމައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ޕްލޭނިން މިނިސްޓްރީގެ ޓީމަކާއި އެކު މަސައްކަތް ކުރުމަށް އެމަނިކުފާނު ލަފާ ދެއްވި އެވެ. އަދި ފުވައްމުލަކުގެ ހޮސްޕިޓަލަށާއި އެހެން މުއައްސަސާތަކަށް ކުރިމަތިވާ ކަންކަމުގައި އެކަމާ ގުޅޭ މިނިސްޓްރީ ތަކާއި މަޝްވަރާ ކުރައްވާ އެކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ނައިބް ރައީސް ވިދާޅުވި އެވެ.