އަންނަ މަހު ފެނާއި ކަރަންޓް ބިލުތަކުން ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ފުޅާ ދާއިރާއެއްގައި ފެނާއި ކަރަންޓްގެ ހިދުމަތްދޭ ކުންފުނި ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ޔޫޓިލިޓީ ބިލްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޑިސްކައުންޓް ދެއްވަން ނިންމުމާ ގުޅިގެން އެ ކުންފުނިން މިއަހަރުގެ މެއި މަހުގެ ކަރަންޓް ބިލްތަކުން 40 ޕަސެންޓް އަދި ފެން ބިލްތަކުން 30 ޕަސެންޓް ޑިސްކައުންޓް ދޭން އެ ކުންފުނިން ނިންމާފައި ވާކަމަށެވެ. އަދި ވިޔަފާރިތަކުގެ ފެންބިލާ ކަރަންޓް ބިލުން 20 ޕަސެންޓް ޑިސްކައުންޓް އެ ކުންފުނީގެ ކަސްޓަމަރުންނަށް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެ ކުންފުނިން މިހެން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ ކަރަންޓު ބިލާއި ފެން ބިލަށް ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސަރުކާރުން ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ކަރަންޓު ބިލުން 40 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިޔަފާރިތަކުގެ ކަރަންޓް ބިލުތަކަށް 20 ޕަސެންޓު ޑިސްކައުންޓް ދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން، މާލޭގައި ދަނީ 24 ގަޑިއިރުގެ ކާފިއުއެއް ހިންގަމުންނެވެ. އަދި ރައްޔިތުންނަށް މާލީ ގޮތުންނާއި އިޖްތިމާއީ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީ އަދި ސްޓެލްކޯއިން ވެސް ވަނީ ފެން ބިލުންނާއި ކަރަންޓް ބިލުން ޑިސްކައުންޓް ދިނުމަށް ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރު ތަފްސީލެއް އަދި ހާމަކޮށްފަ އެއް ނުވެ އެވެ.