ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ސިފައިން ބުނި ގޮތުގައި އަލިފާން ރޯވެފައިވަނީ މއ.މޯނިން ވިއުގެ ތިން ވަނަ ބުރީގައި ފަތިހުގެ 5:00 ހާއިރު ކަމަށާއި، އަލިފާންގަނޑު ނިއްވާލެވުނީ 6:10 ހާއިރު ކަމަށެވެ.

ރޯވި އިމާރާތަކީ ހަތަރުބުރި އަށް، ލަކުޑިން ޑެކް އަޅައިގެން ހަދާފައިވާ ގެއެކެވެ. ހާދިސާ ހިނގި ތަނުގައި ސިފައިން މީޑިއާއާ ވާހަކަ ދައްކަމުން ބުނީ ރޯވި ބައިގެ އިތުރުން މުޅި ގެޔަށް ވެސް އަލިފާނުގެ ހޫނުގެ ސަބަބުން ގެއްލުން ވެފައިވާ ކަމަށެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީލް އެނގޭނީ އަދި އިތުރަށް ބެލުމަށް ފަހުގައި ކަމަށް އެމްއެންޑީއެފްއިން ހާމަކުރެ އެވ.

ރޯވި އިމާރާތުގައި ގިނަ ބަޔަކު އުޅޭ ކަމަށާއި އަލިފާނުގެ ސަބަބުން އެއިން މީހަކަށް އަނިޔާ ވެފައި ނުވި ނަމަވެސް ރޯވުމާ އެކު އިމާރާތުން ނުކުމެ ސަލާމަތްވާން އުޅުމުގެ ތެރޭގައި ބައެއް މީހުންނަށް އެކި ވަރުގެ ޒަހަމްތައް ވެފައިވާ ކަމަށް ސިފައިން ބުންޏެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެގޭގައި ދިރިއުޅޭ ފަރާތްތައް މިހާރު ވަނީ ޣިޔާސުއްދީން ސްކޫލަށް ބަދަލުކޮށްފަ އެވެ.

އަލިފާން ރޯވި ގެ ހުންނަ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މޭޔަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެސަރަހައްދުގައި ދިރިއުޅޭ މީހުންނާ ވާހަކަ ދެއްކުމުން ބުނީ އަލިފާން ނިއްވަން ސިފައިންނަށް އާދެވުނީ ފަންސާހަކަށް މިނެޓް ފަހުން ކަމަށް ބުނެފައިވާ ކަމަށެވެ. އެކަންތައް ހައްލު ކުރުމަށް އެމްއެންޑީއެފް އާއި ސިޓީ ކައުންސިލުން ބައްދަލުކޮށް މަސްވަރާކުރުމަށް ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ހާދިސާ ހިނގި ތަނުގައި ހުންނަވައިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދި ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ގޭގެ މީހުންނާއި ވާހަކަ ދައްކާލުމުން ހިތްހަމަނުޖެހުންތަކެއް ހުރި ކަމަށެވެ. އަލިފާން ރޯވި ގޭގެ މީހުންނަށް ވަގުތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ހޯދައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިކަހަލަ ބޮޑު ކަމެއް ހިނގައިގެން އުޅޭއިރު ހަމަ އަބަދުވެސް، ކަން ހިނގައިގެން އުޅޭ މީހުން ހަމަ އަބަދުވެސް ބޭނުންވާނެ ވީހާވެސް އަވަހަކަށް ކަންކަން ... އަލިފާން ވެސް ހަމަ ވަގުތުންވަގުތަށް ނިވެން، އަޅުގަނޑުމެންނަށް އަންޑަސްޓޭންޑްވޭ. އަޅުގަނޑުމެން ގޭގަ ރޯވިޔަސް އެގޮތަށް އަޅުގަނޑުމެން ފެންނާނީ،" މާރިޔާ ވިދާޅުވި އެވެ.

ތަނުގައި ރޯވެ އަނދައި ހުލިވި އިރު އަލިފާން ނިއްވަން ސިފައިންނަށް ރަނގަޅަށް މަސައްކަތް ނުފެށޭ ކަމަށް ގޭގެ މީހުން ބުނި ނަމަވެސް، ހާދިސާ ހިނގި ތަނުގައި ސިފައިން މީޑިއާއާ ވާހަކަ ދައްކަމުން ބުނީ ހާދިސާގެ ރިޕޯޓް ލިބުނުތާ ދެ މިނެޓެއްހާއިރު ތެރޭ ސިފައިން އެތަނަށް ގޮސް މަސައްކަތް ފަށާފައިވާ ކަމަށެވެ.