ބެއިޖިން (27 މެއި) - ކޮރޯނާ ވައިރަސްއަކީ ވޫހާންގެ ލެބޯޓަރީއަކުން އުފައްދާ މުޅި ދުނިޔެއަށް ފެތުރި ބަލިމަޑުކަމެއް ކަމަށް އެމެރިކާއިން ޗައިނާއަށް ކުރަމުންދާ ތުހުމަތުތަކަށް އެ ގައުމުން ވަރުގަދަ ރައްދެއް ދީފި އެވެ.

އެ ގޮތުން ޗައިނާގެ ޚާރިޖީ ވުޒާރާއިން ވަނީ އެމެރިކާގެ ތުހުމަތުތަކަކީ ސިޔާސީ ބޭނުމެއްގައި ކުރަމުން އަންނަ ތުހުމަތުތަކެއް ކަމަށާއި އެއީ މައްސަލައިގެ އަސްލު އޮޅުވާލުމަށް އެ ގައުމުންކުރާ ކަމެއް ކަމަށް ބުނެފަ އެވެ.

އޭގެ އިތުރުން އެ ވުޒާރާއިން ވަނީ ކޮވިޑް- 19 އާއި ވޫހާންގެ ލެބޯޓަރީއެއްގައި ކުރިއަށްދިޔަ ދިރާސާއަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެ އެމެރިކާގެ ތުހުމަތުތަކަށް އިންކާރު ކޮށްފަ އެވެ.

ކޮވިޑް-19ގެ އަސްލު ދެނެގަތުމުގެ މައްސަލަ ހޫނުވެފައި މި ވަނީ ބަލިމަޑުކަން ފެތުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ވޫހާންގެ ލެބޯޓްރީއެއްގެ މުވައްޒަފުންތަކެއް ސިއްހީ ފަރުވާ ހޯދިކަމުގެ ރިޕޯޓްތަކެއް ފެންމަތިވުމާ އެކު އެމެރިކާގެ ރައީސް ޖޯ ބައިޑަން އެކަމުގެ މިނިވަން ތަހުގީގަކަށް ގޮވާލައި ޗައިނާއަށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރެއްވުމާ ގުޅިގެންނެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޒާއޯ ލިޖިއަން ވިދާޅުވެފައި ވަނީ އެމެރިކާގެ އަމަލުތަކުން ދޭހަވަނީ އެ ގައުމުން ހަގީގަތް ބަލަން ބޭނުން ނުވާ ކަމަށާއި އެމެރިކާގެ ގޮވާލުންތަކަކީ ސައިންސްގެ ގޮތުން އެއްވެސް އަސާސެއް ނެތް ގޮވާލުންތަކެއް ކަމަށެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައި ވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅު ޗެއިނާގެ ވޫހާންއިން އެވެ. އެއާއެކު ވައިރަސް ވަނީ ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި އެތައް މިލިއަން ބަޔަކު މަރުވެފަ އެވެ. – ބީބީސީ