ޖެނީވާ (27 މެއި)- މި މަހުގެ ކުރީކޮޅު އިޒްރޭލުގެ ސިފައިންނާއި ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާ ދެމެދު ކުރިއަށް ދިޔަ ކުރިމަތިލުންތަކުގައި އިޒްރޭލުން ފަލަސްތީނުގެ އާއްމުންނާ ދެކޮޅަށް ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ މިނިވަން ތަހުގީގެއް ކުރުމަށް އދ. ގެ ސަލާމަތާ ބެހޭ ކައުންސިލްގެ ގަރާރެއް ފާސްކޮށްފި އެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ހުށަހެޅި މި ގަރާރު ފާސްވެފައި ވަނީ 24 މެމްބަރުނުގެ އަޣުލަބިއްޔަތުންނެވެ. 14 މެމްބަރަކު އެއްވެސް ކޮޅަކަށް ވޯޓުދީފައި ނުވާއިރު ނުވަ ގައުމަކުން ވޯޓު ދީފައި ވަނީ ގަރާރާ ދެކޮޅަށެވެ.

މި ގަރާރާއެކު އެ ކައުންސިލްގެ ބެލުމުގެ ދަށުން ޣައްޒާ، ހުޅަނގު އައްސޭރި އަދި ގުދުސްގެ މަސްރަހު ބަލާ މޮނީޓާކުރުމަށް ދާއިމީ ކޮމިޝަނެއް އުފެއްދޭނެ އެވެ. އަދި ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ޖަރީމާތައް މި ކޮމިޝަނުން ބަލައި މިނިވަން ތަހުގީގެއް ކުރާނެ އެވެ.

މި ނިންމުމަށް ފަލަސްތީނުން މަރުހަބާ ކިޔާފައިވާއިރު ތަހުގީގުތަކަށް އެއްބާރުލުން ނުދޭނެ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.

ސަލާމަތާ ބެހޭ ކައުންސިލްގެ ނިންމުމަކާ އެ ކައުންސިލުން އިޒްރޭލާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތަކުގެ ލަދުވެތި ހެއްކެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވި އެވެ.

މި ނިންމުމާއެކު އެމެރިކާއިން ވެސް ވަނީ ހިތާމަފާޅުކޮށް އެއީ މިހާތަނަށް މި މައްސަލައިގައި ހޯދި ކުރިއެރުންތައް ފަހަތަށް ޖައްސާނެ ނިންމުމެއް ކަމަށް ބުނެފަ އެވެ.

ސަލާމަތާ ބެހޭ ކައުންސިލްގެ މި ގަރާރަކީ އަނިޔާވެރި، އިސްތިއުމާރީ އިޒްރޭލު ދައުލަތާ ދެކޮޅަށް ފަލަސްތީނަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ. – އަލް ޖަޒީރާ