ހަންގަނޑު ރީތިކޮށް ބެލެއްޓުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ވަރަށް އިސްކަން ދޭ ކަމެކެވެ. އަގު ބޮޑު ސްކިން ކެއާ ޕްރޮޑަކްޓްތަކާއި ސެލޫންގެ ހިދުމަތްތައް ބޭނުންކޮށް ހަންގަނޑު ޒުވާންކަންމަތީ ބެހެއްޓުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާ ކަމެކެވެ.

ގޭގައި ކޮންލެވޭ ކިތަންމެ ކުޑަކުޑަ ކަމަކުން ވެސް ތިބާގެ ހަންގަނޑު ރީތިވާކަން އެނގޭ ހެއްޔެވެ؟ އެގޮތުން އާދައިގެ މަތިން ކޮންމެ ދުވަހަކު ވެސް އަހަރެމެން މި ބޯ ކޮފީއަކީ އޭގެ ސަބަބުން އަހަރެމެންގެ ހަންގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ.

ހަންގަނޑު ޒުވާންކޮށް ބަހައްޓައިދޭ

ގަވާއިދުން ކޮފީ ބޯ މީހުންގެ ހަންގަނޑު ގިނަ ދުވަސްތަކެއް ވަންދެން ޒުވާން ކަންމަތީ ހުންނަ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ކޮފީގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ހަންގަނޑަށް ރޫ އެރުމާއި ޑާކް ސްޕޮޓްސް އުފެދުމުން ދުރުކޮށްދެ އެވެ.

ހަންގަނޑު އެނދުން ކުޑަކޮށްދޭ

އަވީގައި ގިނަ ވަގުތު އުޅުމުން ހަންގަނޑު އަނދާ ހެއްޔެވެ؟ މޫދަށް އެރެފިނަމަ ހަންގަނޑުން ދިލަ ނަގާ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ކޮފީއަކީ އެކަމުގެ ހައްލެކެވެ. ކޮފީގެ ސަބަބުން ހަންގަނޑު އެނދުން ކުޑަކޮށްދެ އެވެ. އަދި ހަންގަނޑު އަނދައިފި ނަމަވެސް އަވަހަށް ރަނގަޅު ކޮށްދެ އެވެ.

މޫނުން ނަގާ އޮށާޅަ މަދުކޮށްދޭ

މޫނުން އޮށާޅަ ނެގުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލަ އެކެވެ. ކޮފީ ބޭނުންކޮށްގެން ހަދާ ފޭސް މާސްކްތަކުން މޫނުގައި ނަގާ އޮށާޅަ މަދުކޮށްދެ އެވެ. އަދި މީގެ އިތުރުން ވެސް މޫނުގައި ހުންނަ ތަފާތު ވައްތަރުގެ ބިހި ވެސް ރަނގަޅު ކުރުމަށް އެހީވެދެ އެވެ.

ކޮފީއަކީ ތިބާގެ އާއްމު ބުއިމެއް ނަމަ އުފާ ކުރާށެވެ. ތިޔަ އާދައިގެ ސަބަބުން ތިބާގެ ހަންގަނޑު ރީތިކޮށް ބަހައްޓައި ދިނުމަށް އެހީވެދެ އެވެ.