ކޮލަމްބޯ (01 ޖޫން) - ސްރީލަންކާގެ ބަނދަރަށް ކައިރި ކުރަން އުޅުނު އާގު ބޯޓެއްގައި ރޯވެ އަނދަމުންދާކަމުގެ ރިޕޯޓު އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކަށް އެންމެ ފުރަތަމަ ލިބުނީ މެއި މަހުގެ 20 ވަނަ ދުވަހު އެވެ.

އެއާއެކު އެ ގައުމުގެ ސިފައިންނާއި ފުލުހުން ގުޅިގެން ވަނީ ބޯޓު އެއްގަމާ ދުރަށް ޖައްސައި އަލިފާން ގަނޑު ކޮންޓްރޯލްކުރުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ބޯޓަށް ބަރުކޮށްފައި ހުރި ގޮވާ ޒާތުގެ މުދަލުގެ ސަބަބުން އެ މަސައްކަތްތަކަށް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ބާރަ ދުވަސް ފަހުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވީނަމަވެސް އެ ސަރަހައްދުގައި ދުމުގެ އަސަރު ވަރަށް ބޮޑަށް އެބަ ހުއްޓެވެ. އަދި ހަމައެއާއެކު ތެޔޮ ލީކްވުމުގެ ބިރު އޮތުމާއެކު އެ ސަރަހައްދުގައި އޮފިޝަލުން ދަނީ މެދުކެނޑުމެއްނެތި ހަރަކާތްތެރި ވަމުންނެވެ.

އެކަމުގެ ސަބަބުން ކޮލަމްބޯގެ ހުޅަނގު ފަރާތުގެ ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމުގެ ބިރު ވަނީ ހީވެފަ އެވެ. ބޯޓުގެ އަނދާފައިވާ ބައިތަކާއި ވިހަ އެކުލެވޭ އެކި އެއްޗެހި ކޮލޮމްބޯގެ ގޮނޑުދޮށްތަކަށް ލައްގަމުންދާއިރު މައިކްރޯ ޕްލާސްޓިކްގެ ސަބަބުން ވަޔާއި ފެން ތަޣައްޔަރުވުމަކީ ތިމާވެށްޓާ ބެހޭ މާހިރުން އެންމެ ކަންބޮޑުވާ ކަމެވެ.

އެކްސްޕްރެސް ޕާލް ނަމަކަށް ކިޔާ ސިންގަޕޫރުގެ އެ ބޯޓުގައި އަލިފާން ރޯވީ އިންޑިއާގެ ގުޖްރާތުން ފުރައިގެން ކޮލަމްބޯއަށް ދަތުރު ކުރަނިކޮށް ކޮލަމްބޯގެ ނުވަ ނޯޓިކަލް މޭލު ބޭރުންނެވެ. -- ސީއެންއެން