ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ފާތިމަތު މިޝްކާ މުހައްމަދުގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗަށް ގެންދަން އެމްބިއުލާންސް ފޮނުވުމުން ލަސްވުމަކީ އެ ކުއްޖާ މަރުވުމުގެ ސަބަބުކަމަށް ތުހުމަތުކޮށް، ގިނަ ބަޔަކު ފާޑުކިޔުންތައް އަމާޒުވުމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިރޭ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ.

މިނިސްޓަރު 10 ޖަހާއިރު ނޫސްވެރިންނާ މި ބައްދަލުކުރައްވަނީ އުމުރުން 10 އަހަރުގެ މިޝްކާ މަރުވުމުގައި ސަރުކާރުގެ އިހުމާލު އޮތް ކަމަށް ތުހުމަތު ކުރެވޭއިރު ވެސް، ހެލްތް މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ނުބާވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ސޯޝަލް މީޑިއާގައި އެމްޑީޕީ މެމްބަރުން ހިމެނޭހެން މިނިސްޓަރު ނަސީމްގެ އިސްތިއުފާއަށް ދަނީ ގޮވަމުންނެވެ. އަދި ކޮވިޑްގެ ބަލިމަޑު ކަމުގައި ސަރުކާރުން ގިނަ އިހުމާލުތަކެއް މިހާޜުވެފައިވާ ކަމަށާއި މިކަންތައްތަކަކީ ބަލައިގެނެވޭނެ ކަންކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މިޝްކާގެ ފަރުވާ ލަސްވި މައްސަލައިގެ އިތުރުން ރަޝިއާ ވެކްސިން ގަތުމުގެ މަސައްކަތް ސަރުކާރުން ކުރަނީ 500،000 ޑޯޒް ހަދިޔާ ކުރުމަށް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ހުށަހަޅާފައި ވަނިކޮށް ކަމަށް މިއަދު "މިހާރު" ގައި ރިޕޯޓު ކުރި މައްސަލަ ވެސް ވަނީ ވަރަށް ހޫނުވެފަ އެވެ.

މިޝްކާ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނިކޮށް، ރޭ އޭނާގެ ހާލު ގޯސްވާން ފެށުމުން އެޗްޕީއޭއަށް އާއިލާ އިން ގުޅި ނަމަވެސް އެމްބިއުލާންސް އައީ ދެ ގަޑިއިރަށް ވުރެ ގިނައިރު ވީ ފަހުންނެވެ.

އެ މައްސަލަ ހެލްތު މިނިސްޓްރީން ވެސް ބަލަމުން އަންނަ ކަމަށް ބުނާއިރު މަޖިލީހަށް ވެސް މައްސަލަ ބެލުމަށް ހުށަހަޅާފައިވެ އެވެ. އެހެން ނަމަވެސް މިކަމުގައި ސަރުކާރު ފިޔަވަޅުތަކެއް އަޅާފާނެ ކަމަށް ގިނަ ބަޔަކު ގަބޫލުނުކުރާ ކަމަށްވެސް ދަނީ ބުނަމުންނެވެ. މިކަމުގެ އެންމެ ރަގަޅު ފިޔަވަޅަކަށްވާނީ މިހާރު ހެލްތް މިނިސްޓްރީގައި ތިބި ސިޔާސީ ހުރިހާ ފަރާތްތަކުން ޒިންމާއިން އެކަހެރިވުން ކަމަށް ވެސް ގިނަ ފަރާތްތަކުން ދަނީ ގޮވަމުންނެވެ.