ކޮވިޑް ޖެހިގެން ރޭ އުމުރުން 10 އަހަރުގެ ކުއްޖަކު މަރުވުމުގައި ސަރުކާރުގެ އިހުމާލު އެބައޮތް ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެއްބަސްވެވަޑައިގެންފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވީ މިޝްކާ ބަލައި އެމްބިއުލާންސް ލަސްވުން އެއީ އިހުމާލެއް ކަމަށެވެ. ނަމަވެސް އިހްމާލުވީ ކޮންބައެއް ކަމާއި އެކަމުގެ ތަފްސީލް އެނގޭނީ ތަހުގީގު ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"10 އަހަރުގެ މިޝްކާ [ހޮސްޕިޓަލަށް[ ގެންދަން ލަސްވުމުގެ އިހުމާލު އެބައޮތް އިނގޭތޯ. އެކަމަށް އެޓެންޑް ކުރެވުނު މީހުންގެ ފަރާތުން އިހުމާލު އޮތް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެ ތަހުގީގު އަޅުގަނޑުމެން ކުރަމުން މި ގެންދަނީ. އިރާދަކުރެއްވިއްޔާ މިރޭގެ ނިޔަލަށް އެ ތަހުގީގު ނިމޭނެ،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިރޭގެ ނިޔަލަށް ތަހުގީގު ނިމޭނެ ކަމަށާއި ތަހުގީގު ނިމުމުން އަޅާ ފިޔަވަޅެއް އާންމު ކުރައްވާނެ ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައިވާ މިޝްކާގެ ހާލު ސީރިއަސް ވެގެން އައިޖީއެމްއެޗަށް ގެންދަން އެމްބިއުލަންސަށް އެތައް ފަހަރަކު ގުޅުމުން ވެސް އެމްބިއުލަންސް ދިޔައީ ދެގަޑިއިރާއި 30 މިނެޓްވީ ފަހުން ކަމަށް އާއިލާ އިން ބުނެ އެވެ.

މިޝްކާ މަރުވީ އައިޖީއެމްއެޗަށް ގެންދިޔަތާ ކުޑަވަގުތުކޮޅެއްގެ ތެރޭގަ އެވެ.