ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ރަޝިޔާ ވެކްސިން، ސްޕުޓްނިކް ހިލޭ ލިބޭނެ ކަމަށް ބުނެ އަމިއްލަ ފަރާތްތަކުން ހުށަހެޅީ ފޭކް ލިޔުމެއް ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ އެ ހުށައެޅުން ލިބުމާ ގުޅިގެން އެ ސިޓީގެ ސައްހަކަން ބެލުމަށް ފޮރިން މިނިސްޓްރީއަށް ހުށައެޅި ކަމަށާއި އެ މިނިސްޓްރީން ބެލި ބެލުމުން އެ ކުންފުނިން ހުށައަޅާފައި ވަނީ ފޭކް ޑޮކިއުމަންޓްތަކެއްކަން އެނގިފައިވާ ކަމަށެވެ.

"ފޮނުވިއިރު އޭގެ ރިޕޯޓެއް ލިބިފަ އެބައޮތް. އޭގަ މިއޮންނަނީ އެއާ ބެހޭގޮތުން މިވާގޮތަކީ ފޮރިން މިނިސްޓްރީން އެކަންތައް ބެއްލެވިއިރު އެއީ ފޭކު ޑޮކިޔުމެންޓަކަށް މިވަނީ. ރަޝިއާގެ ކަމާބެހޭ ފަރާތުން މި ވިދާޅުވަނީ އެއީ ފޭކު ޑޮކިޔުމެންޓެކޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއިން ވަނީ ސްޕުޓްނިކް ވެކްސިންގެ 200،000 ޑޯޒްގެ ވެކްސިން ގަތުމަށް އެއްބަސްވެފަ އެވެ. މި އެއްބަސްވުން އެކުލަވާލި 500،000 ޑޯޒް ހަދިޔާކުރަން އަމިއްލަ ކުންފުންޏެއް ކަމަށް ޑެލްޓާ ކުންފުނިން ސަރުކާރަށް ހުށައަޅާފައިވަނިކޮށް ކަމަށް ބުނެ ބައެއް މީޑިއާތަކުގައި މިއަދު ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ނަސީމް ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި މިފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި މިފަދަ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތައް ކަމަށާއި މިފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް ނަސީމް ވިދާޅުވެފަ އެވެ.