މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ތާއީދުނުކުރަން ސަރުކާރު ކޯލިޝަނުގައި ބައިވެރިއެއް ކަމަށްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ނިންމައިފި އެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު އޮންލައިން ނޫހަކަށް ދިން އިންޓަވިއެއްގައި ވިދާޅުވީ، ޖޭޕީގެ ޕާލިމެންޓް ގްރޫޕްގެ ހުރިހާ މެމްބަރުންގެ ވިސްނުން ހުރީ ސަރުކާރުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އެ ބިލާ ދެކޮޅަށް ކަމަށެވެ.

އޭނާ ވިދާޅުވީ ޖޭޕީގެ ލީޑަރު މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވެސް އެ ބިލާ ދެކޮޅު ކަމަށެވެ.

ޖޭޕީގެ އާންމު އުސޫލު ބައްޓަންވެފައި އޮންނަ ގޮތަށް ބަލާ އިރު އެ ޕާޓީގެ ޓިކެޓުގައި މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ ނިންމުމަށް ޕާޓީގެ ކައުންސިލް މެމްބަރުންނަށް ބަސް ކިޔުމުގެ ބާރު ނޯންނާ އެވެ. އަދި ޕާލިމެންޓްރީ ގްރޫޕްގެ ނިންމުމަށް ޕާޓީގެ ލީޑަރު ވެސް އިހްތިރާމް ކުރައްވަން ޖެހެ އެވެ.

ސަރުކާރުން ހުށަހެޅުއްވި އެ ބިލުގެ ސަބަބުން ރާއްޖޭގައި ލާދީނިއްޔަތު ފަތުރަން ޖާގަ ލިބޭނެތީ ގިނަ ބަޔަކު ދަނީ ބިލާ ދެކޮޅު ހަދަމުންނެވެ. ސަރުކާރުގެ ކޯލިޝަންގެ ހިމެނޭ އަދާލަތު ޕާޓީއިން ވެސް ބިލާއި ދެކޮޅު ކަމަށް ބުނެފަ އެވެ. އެ ބިލާއިމެދު އަދި ގޮތެއް ނުނިންމާ އޮތީ އެމްއާރްއެމްއިންނެވެ.

މީގެ އިތުރުން އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ ސަރުކާރުގެ ފަރާތުން ހިސާން ހުށަހެޅުއްވި ބިލާއި ދެކޮޅު ކަން ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފާއި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު (އިއްސެ) ހިމެނެ އެވެ. އެ ބޭފުޅުން ވިދާޅުވެފައި ވަނީ ދީނަށް ފުރައްސާރަކުރަން ޖާގަ ދެވިގެން ނުވާނެ ކަމަށެވެ.

ޖޭޕީ ތަމްސީލު ކުރައްވާ ކެންދޫ ދާއިރާގެ ޖޭޕީ މެންބަރު އަލީ ހުސައިން ވިދާޅުވެފައި ވަނީ، އެ ބިލަކީ ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް މަޖިލީހަސް ހުށަަހަޅާފައިވާ ބިލެއް ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ގާނޫނު އަސާސީގެ މަސްދަރަކީ އިސްލާމްދީން ކަމަށާއި، ބަޔަކު ދީނާ ހިލާފު ވާހަކައެއް ދައްކާ ނަމަ އެއަށް ބަސް ނުބުނެވޭ ގޮތަށް ނިންމާ ހުރިހާ ނިންމުމަކީ ގާނޫނޫއަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ،

ގާނޫނުއަސާސީގައި ބަޔާކޮށްފައިވާ ގޮތަށް އިސްލާމްދީނުގެ އަސްލުތަކާއި ހިލާފުނުވާ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށާއި މިހާރު މަޖިލިސްއަށް ހުށަހަޅާފައިވާ ބިލާއެކު ހިޔާލް ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅިގެން ދާނެ ކަމަށެވެ. .