ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ގުޅިފަޅުން ބިން ދޫކުރަން ނިންމަވައި އެކަން އިއުލާން ކުރެއްވި ކަމަށް އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިހާރުގެ ސަރުކާރުން ގުޅޮފަޅުން މާލޭ މީހުންނަށް ގޯތި ދޫކުރާނެ ކަމަށް ބުނުމަށްފަހު އެ ތަނުގައި ބައިނަލްއަގުވާމީ ޕޯޓެއް އެޅުމުގެ މަސައްކަތް މިހާރު ކުރަމުން ދާތީ މާލޭ މީހުން ދަނީ ސަރުުކާރަށް ފާޑުކިޔަމުންނެވެ. އެ ކަމަށް ރައްދު ދެއްވާ ސަރުކާރުން ބުނީ، ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ގުޅިފަޅުން ގޯތި ދޫނުކުރާ ކަމަށެވެ.

ނަމަވެސް ޑރ. މުއިއްޒު ސަރުކާރަށް ރައްދު ދެއްވަމުން މިއަދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ގުޅީފަޅުން ގޯތި ދޫކުރަން ނިންމި ކަމަށާއި އެކަން ކެބިނެޓާ ވެސް ހިއްސާކުރެއްވި ކަމަށެވެ. ނަމަވެސް އެ ނިންމުން ފަހުން ދިރާސާކުރުމަށް ފަހު އެތަން އިންޑަސްޓްރިއަލް ތަނަކަށް ބަދަލު ކުރަން ނިންމި ނިންމުން އިސްލާހުކޮށް ކެބިނެޓާ ވެސް މަޝްވަރާތަކެއް ކުރި ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެނާ ދެކޮޅަށް މިހާރު ބޭނުންކުރާ އެއްޗަކީ ގުޅިފަޅަކީ އިންޑަސްޓްރިއަލް ތަނަކަށް ހެދީ އަޅުގަނޑުމެންނޭ ކިޔާފަ މިދައްކަނީ 2015 ގައި އަޅުގަނޑުމެން ސޮއިކުރި ސިޓީއެއް. އޭގައި މި އޮންނަނީ ތިލަފުށީގައި ކުނި އެންދޭ ގޮތަކަށް ނޫން. 2018 އަށް އައިއިރު، އެންދުން ނިމިގެން ފަންޑިން ހަމަޖެހި ކަންތައްތަކެއް ހަމަޖެހިފައި އޮތީމަ ކެބިނެޓާ ޝެއާކޮށްފައި ގުޅިފަޅު ބަދަލު ކުރަން ނިންމީ ރެސިޑެންޝަލް މޮޑާން ސިޓީއަކަށް ކަން،" މޭޔަރު ވިދާޅުވި އެވެ.

ޑރ. މުއިއްޒު މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި އިރުވެސް އެންމެ ބޮޑަށް ދެއްކެވި ވާހަކަފުޅަކީ، ގުޅިފަޅުން މާލޭ މީހުންނަށް ގޯތި ހޯދައިދޭން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަމެވެ. އެކަން ކުރުމުގެ މަސައްކަތް އޭނާ މިހާރު ވެސް ގެންދަނީ ކުރަމުންނެވެ.

ޑޜ. މުއިއްޒު ވިދާޅުވި ގޮތުގައި މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމަނިކުފާނު ގެންގުޅުއްވި ޕްލޭނަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތްކަން ވަނީ ހާމަވެގެން ގޮސްފަ އެވެ. އެހެންކަމުން ގުޅިފަޅާ ގުޅޭ ގޮތުން ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ނިންމެވި ނިންމެވުން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.

ގުޅިފަޅުގައި ޕޯޓް އެޅުމަށް މިސަރުކާރުން ގެންގުޅޭ ޕްލޭނަށް ބަދަލު ގެނެސް ގުޅިފަޅު ތަރައްގީކުރުމުގައި މާލެ ސިޓީ ކައުންސިލާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމެވި ކަމަށް ވެސް ޑރ. މުއިއްޒު މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.