މީގެ 15 އަހަރު ކުރިން، ގދ. އަތޮޅުގައި ތަރައްގީކުރަން ފެށި ވަޓަވަށްރެހާ ރިސޯޓު މި އަހަރުގެ ޑިސެމްބަރު މަހު ހުޅުވަން ނިންމައިފި އެވެ.

ވަޓަވަށްރެހާއަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏަކުން ތަރައްގީކުރާ 400 އެނދުގެ ރިސޯޓެކެވެ. އެ ރަށަށް 115 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، ކުރިއަށް ހުރި މަސައްކަތްތަކަށް އިތުރު 60 މިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ. ފަސް ތަރީގެ މި ރިސޯޓުގެ 75 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިިމިފަ އެވެ.

މެމްބަރު ޖާބިރު ވިދާޅުވީ، ވަޓަވަށްރެހާގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށާއި އެ ރަށް ތަރައްގީ ކުރާނީ ވެލްނެސް ރިސޯޓެއްގެ ގޮތުގައި ކަމަށެވެ. ވަޓަވަށްރެހާއާ އެކު، ހުވަދު އަތޮޅުގެ ޓޫރިޒަމަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.

ވ. ބޮޑުމޮހޮރާގައި ވެސް ޖާބިރު އަންނަނީ 100 އެނދުގެ ރިސޯޓެއް ތަރައްގީ ކުރަމުންނެވެ. ވަކި ގޮތެއް ނުނިމި ހަތް އަހަރު ހޭދަވުމަށް ފަހު ޖާބިރަށް އެންމެ ފަހުން ބޮޑުމޮހޮރާ ލިބުނީ މިދިޔަ އަހަރު އެވެ.