ދުނިޔޭގެ ފެންވަރުގައި ހެދި ސާވޭއަކުން ދައްކާގޮތުގައި 56 ޕަސެންޓް އަންހެނުން އެ މީހުންގެ ހަށިގަނޑާމެދު ހިތްހަމައެއް ނުޖެހެ އެވެ. ލޫޅާފަތިކޮށް ރީތި ބައްޓަމެއްގައި ހުރުމަކީ ގިނަ އަންހެނުންގެ ހުވަފެނެކެވެ.
ތަންކޮޅެއް ހަށިގަނޑުން ވަރުގަދަކޮށް ތިބޭ އަންހެނުންނަށް މުޖުތަމައުގެ ފަރާތުން ކުރިމަތިވާ ފުރައްސާރައާއި މަލާމާތަކީ މިކަމުގެ އެންމެ ބޮޑު ސަބަބަވެ. ނަމަވެސް އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ފަލަކޮށް ތިބޭ އަންހެނުން އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ބޮޑުކަމެވެ.
ތިން މިލިއަން އަންހެނުން ބައިވެރިވެގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ބަރުދަން އިތުރުކޮށް ތިބޭ އަންހެނުން އުމުރުގެ ކުރީކޮޅުގައި ބަލިތަކަށް ހުށަހެޅި ފުރާނައަށް ނުރައްކާވުން އާދައިގެ ވަރަކަށް ތިބޭ އަންހެން ކުދިންނަށް ވުރެ ހަ ޕަސެންޓް ފުރުސަތު ކުޑަ އެވެ.
މީގެ އިތުރުން 70 އަށްވުރެ އުމުރުން ދޮށި އަންހެނުންގެ ތެރެއިން، ސިއްހަތު ރަނގަޅުކޮށް ތިބޭ މީހުންގެ އުމުރު ދިގު ކަމަށް މި މައުޝޫއަށް ހެދިފައިވާ އެހެން ދިރާސާއެއް ބުނެ އެވެ.
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ފަލަކޮށް ތިބުމުގެ ބައެއް ފައިދާތައް ހަށިގަނޑަށް ކުރެ އެވެ. އެގޮތުން ވެއްޓިގެން ލިބޭ އަނިޔާތަކުގައި ކަށިތަކަށް ލިބީ ގެއްލުންތައް ފަލަ މީހުންގެ މެދުގައި ނިސްބަތުން މަދު ކަމަށް އެފަރާތްތަކުން ބުނެ އެވެ.
ހަމަ އެއާއެކު ހަށިގަނޑު ބަރު އަންހެނުންނަށް ޑިޕްރެޝަން ކުރިމަތިވުމުގެ ފުރުސަތު ކުޑަ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ހަށިގަނޑު ފަލަކޮށް ބަހައްޓައިދޭ ހޯމޯންސްއަކީ ބަރުދަން ކޮންޓްރޯލްކުރުމުގެ އިތުރުން މޫޑަށް ވެސް އަސަރުކުރާ ހޯމޯން އެކެވެ. އެހެން ކަމުން މި ހޯމޯން ހަށިގަނޑުގައި ގިނަ ނަމަ އުފާވެރި ހަޔާތަކަށް ފުރުސަތު ބޮޑުވެ އެވެ.
ފަލަކޮށް ހުއްޓަސް ހިކިކޮށް ހުއްޓަސް މުހިއްމު ކަމަކީ އަމިއްލަ ނަފްސު ދެކެ ލޯބިވުމެވެ. ހަމައެކަނި ބޭރުފުށުގެ ރީތިކަމަށް ދެވިފައި އޮތް އަހައްމިއްޔަތުކަން ބަދަލު ކުރުމެވެ.
ހަށިގަނޑު ރަނގަޅުކޮށް ތިބޭ އަންހެން ކުދިންނަށް ފުރައްސާރަ ކުރުމަށް އަހަރުމެން ދިވެހިންގެ ތެރޭގައި އޮތް އާދަތައް ބަދަލު ކުރަން ވެއްޖެ އެވެ. ބައްދަލުވާ ފަހަރަކު "ހާދަ ފަލައޭ" ބުނުމުގެ ބަދަލުގައި އަދަބުވެރި ސަލާމެއް ކުރަން ދަސްކުރަން ވެއްޖެ އެވެ.