ޖިންސީ ގޯނާގެ އިތުރުން ރޭޕް ކުރަން އުޅުން ފަދަ ބޮޑެތި ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް އޭނާގެ ޝަރީއަތް ކުރިއަށް ގެންގޮސް ދޭން އެދިވަޑައިގެންފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒިފުންތަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ. އެ މައްސަލަތަކުގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށް އޭނާ ވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފަ އެވެ.

އަލީ ވަހީދު ރާއްޖެ ދޫކުރައްވައި ފުރާވަޑައިގަތީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރު ބާތިލް ކުރުމުންނެވެ. އެ ގޮތަށް އެ އަމުރު ބާތިލް ކުރީ އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ވެސް ކޯޓަށް ހުށަހަޅައިގެންނެވެ.

މާދަމާ ކުރިއަށް ގެންދަން ނިންމާފައިވާ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ ގާޒީން އަދި ވަކިގޮތެއް ނުނިންމަ އެވެ.

މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވާ އަލީ ވަހީދުގެ ޝަރީއަތް ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ކުރިއަށް ގެންގޮސް ދިނުމަށް އެދިފައި ވިޔަސް ފަނޑިޔާރު އެކަމަށް އަދި ގޮތެއް ނިންމާފައެއް ނުވާކަން އެނގިފައިވެ އެވެ. ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްސަލައެއް، ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ހިންގުމަކީ ގާނޫނު ދަންނަ ކަމެއް ނޫނެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ތެރޭގައި ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެއެވެ.