ދިވެހި ސަގާފަތުގެ ރަމްޒެއް ކަމަށްވާ ފޭލީގެ ޑިޒައިން ބޭނުންކޮށް އުފެއްދި އަންނައުނެއްގެ މައްސަލަ ބޮޑުވުމާއެކު އެ އަންނައުނު ވިއްކާ ކުންފުނި ބްލުއާ އިން ދިވެހިންގެ ކިބައިން މައާފަށް އެދިއްޖެ އެވެ.

ބްލުއާއިން ބުނީ ދިވެހި ރާއްޖޭގެ ތާރީޚު އެނގުނީ ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ކަމަށާއި ދިވެހި ސަގާފަތަށް ނުހަނު އިހްތިރާމްކުރާ ކަމަށެވެ. އަދި ފޭލީގެ ޑިޒައިން ނަހަމަ ގޮތުގައި ބޭނުން ކުރެވުނީތީ ދިވެހިންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.

https://www.instagram.com/p/CP5e4xyFMyH/

ޒަމާނުއްސުރެ ދިވެހިންގެ ހެދުން އެޅުމަކީ އެވެރިންގެ އަމިއްލަވަންތަ ކަމުގެ ހެއްކެކެވެ. ރަތް ލިބާހާއި ފޭއްޔަކީ ދިވެހި މި ގައުމުގެ ސަގާފަތުގެ ރަމްޒެކެވެ.

އިންސްޕިރޭޝަންގެ ނަމުގައި ކުދި ގައުމުތަކުގެ ސަގާފަތް ވިއްކުމަކީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން އަބަދު ވެސް ކުރާ ކަމެކެވެ. އެ ގައުމުތަކުގެ ސަގާފަތް ބޭނުންކޮށް މަންފާ ހޯދުމަކީ އާއްމު ކަމެކެވެ.

ކުރިން އާއްމުކޮށްފައިވާ މާކެޓިން ޕޯސްޓުތަކުގައި އެ ކުންފުނިން ފޭލި އިސްތިހާރު ކޮށްފައިވަނީ އާރިއާ ސަރޯންގްގެ ނަމުގަ އެވެ. ދިވެހިންނަށް ނުވަތަ ދިވެހި ރާއްޖެއަށް އެއްވެސް ގޮތަކަށް ނިސްބަތްކުރެވިފައި ނުވާއިރު، އެ ކުންފުނިން މި އުފެއްދުން އިސްތިހާރު ކުރަނީ އެއީ އެމީހުންގެ އަމިއްލަ ޑިޒައިނެއްގެ ގޮތުގަ އެވެ.

މިކަންތައް ސޯޝަލް މީޑިއާގައި ފެންމަތިވުމާއެކު ގިނަ ދިވެހިންތަކެއް ވަނީ ބްލުއާ ކުންފުންޏާ ދެކޮޅަށް އަޑު އުފުލަން ފަށާފަ އެވެ.

ދިވެހި ސަގާފަތުގެ މުހިއްމު ރަމްޒެއް އެހެން ބައެއްގެ އެއްޗެއްގެ ގޮތުގައި ދުނިޔެއަށް ދައްކުވައިދޭން މަސައްކަތްކުރާ ކުރުން އެފަރާތްތަކުން ވަނީ ކުށްވެރިކޮށްފަ އެވެ.

އެއާއެކު އެ ކުންފުނިން ވަނީ އެޕޯސްޓް ޑިލީޓްކޮށް މައާފަށް އެދި އާ ޕޯސްޓެއް ކޮށްފަ އެވެ.