ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމުކުރާ ބޭރު ފައިސާއާ ބެހޭ ގާނޫނު ތަސްދީގުކުރެއްވުމަށްފަހު، ރިސޯޓުތަކުގައި ދައުލަތާއި ރައްޔިތުންގެ ހައްގެއް އެކުލެވޭ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިސޯޓުތަކުގެ ވެރިންނަށް ބޮޑެތި ފާޑުވިދާޅުވުންތަކެއް އަމާޒުކުރައްވައިފި އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޑޮލަރު މާރުކުރަންޖެހޭ މިންވަރު އިތުރުކުރުމުން ބައެއް ވިޔަފާރިވެރިން އެމަނިކުފާނަށް މެސެޖުކޮށް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުކޮށްލާނެކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ބަޖެޓު ކުޑަކޮށް، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ހުއްޓާލުމަށް އެ ފަރާތްތަކުން އެދެމުންދާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ނަމަވެސް ރިސޯޓުތައް ހިންގަނީ ރާއްޖޭގައި ކަމަށްވާތީ އެއީ ދައުލަތުގެ އެއްޗެހި ކަމަށާއި، ވަކި ބަޔަކު މުއްސަނދިވާން ރައްޔިތުން ދަތިހާލުގައި އުޅެން ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ހިސާބުކިތާބުތަކަށް ބަލާއިރު އާމްދަނީގެ 40 އިންސައްތަ މާރުކުރުމަކީ އެއްވެސް ރިސޯޓަކަށް ދަތިވާނެ ކަމެއް ނޫންކަން ވަރަށް ސާފުކޮށް އެނގެ އެވެ. އެގޮތުން ލޯނުތައް ދެއްކުމަށާއި، މުވައްޒަފުންގެ މުސާރައާއި، ހިންގުމުގެ ހަރަދުތަކަށް އެއްވެސް ދަތިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

"އަޅުގަނޑު ހަމަ ވަރަށް އަދަބުވެރިކަމާއެކީގައި ދަންނަވާލަން ބޭނުން ރިސޯޓުތަކުން 40 އިންސައްތަ މާރުކުރުމަކަށް އެއްވެސް ދަތިކަމެއް ނޯންނާނެ ކަމަށް އަޅުގަނޑުމެންނަށް ޔަގީންކަމާއެކީގައި އެނގޭ،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ބައެއް ރިސޯޓުތަކުން ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު މާރުކުރަމުންދަނީ އެ ފަރާތްތަކުގެ އަތުގައި އިތުރަށް ޑޮލަރު ހުރުމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހަމައެއާއެކު ޑޮލަރު މާރުކުރާ މިންވަރު 20 އިންސައްތައިން 40 އިންސައްތައަށް އިތުރުކުރުމުން ލިބޭ ފައިސާ ބޭނުންކުރަން ގަސްދުކުރަނީ ރާއްޖެއަށް އިމްޕޯޓުކުރާ އަސާސީ މުދަލަށް ފައިސާ ދެއްކުމަށާއި ޓީޓީ ހެދުމަށް ކަމަށާއި، މީގެ ސީދާ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.