ކޮލަމްބޯ (12 ޖޫން) - ސްރީލްންކާގެ ވެރިރަށް ކޮލަމްބޯގެ ބޭރުގައި އޮތް ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އެ ގައުމުގެ ތިމާވެށްޓަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 5.3 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް އެ އާގުބޯޓު އޮޕަރޭޓްކުރި ކުންފުންޏާ ދެކޮޅަށް ސްރީލަންކާ އިން ހުށަހަޅައިފި އެވެ.

ޕޯޓްސް އެންޑް ޝިޕިން މިނިސްޓަރު ރޮހިތަ އަބޭގުނަވަރްދެނަ ވިދާޅުވީ ސިންގަޕޫރުގައި ރަޖިސްޓްރީ ކޮށްގެން ދުއްވާ އެމްވީ އެކްސްޕްރެސް ޕާލް އޮޕަރޭޓް ކުރާ ކުންފުނި ކަމަށްވާ އެކްސްޕްރެސް ފީޑާސްއާ ދެކޮޅަށް އިންޓަރިމް ދައުވާއެއް ހުށައަޅާފައިވާނެ ކަމަށެވެ.

ނައިޓްރިކް އެސިޑް ބަރުކޮށްފައިވާ އެ އާގުބޯޓު ކޮލަމްބޯގެ ކަނޑުގެ ސަރަހައްދަށް އަޑިއަށް ގޮސްފައިވާއިރު، ބޯޓުން ތިމާވެށްޓަށް ނުރައްކާވާ ފަދަ ޕްލާސްޓިކާއި އެހެން މައުދަންތައް ކަނޑަށް އެޅި، އެ ސަރަހައްދުގެ ގޮނޑުދޮށްތަކަށް ދަނީ ލައްގަމުންނެވެ.

މިއީ މިހާތަނަށް އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު ތިމާވެށީގެ ކާރިސާކަމަށް ސްރީލަންކާގެ ތިމާވެށީގެ މާހިރުން ދަނީ ބުނަމުންނެވެ.

އަބޭގަނެވަރްދެނަ ވިދާޅުވީ ތިމާވެށްޓަށް ލިބުނު ގެއްލުމުގެ ބަދަލުގެ އިތުރުން، އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރި ޚަރަދުގެ ބަދަލު ހޯދަން ވެސް ހުށަހަޅާނެ ކަމަށެވެ.

މި ހާދިސާގެ ސަބަބުން ތިމާވެށްޓަށާއި ކަނޑުގެ ސަރަހައްދަށް ލިބުނު ގެއްލުން ދެނެގަތުމަށްޓަކައި ސްރީލަންކާއިން ދަނީ އޮސްޓްރޭލިއާގެ އެހީ ހޯދަމުންނެވެ.

އަލިފާނުގެ ހާދިސާއާއެކު އެ ސަރަހައުދުގައި މަސްވެރިކަންކުރުން ވަނީ މަނާކޮށްފަ އެވެ. އެކަމުގެ ސަބަބުން 20،000 އަށްވުރެ ގިނަ މަސްވެރި އާއިލާތަކަށްއަސަރު ކޮށްފައިވާ ކަމަށް ފިޝަރީސް މިނިސްޓަރު ކަންޗަނަ ވިޖެސޭކަރަ ވިދާޅުވި އެވެ.

މެއި މަހުގެ 20 ވަނަ ދުވަހު އެކްސްޕްރެސް ޕާލްގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ އޭގެ 13 ދުވަސް ފަހުންނެވެ. – ދަ ސްޓްރެއިޓްސް ޓައިމްސް