މާލެ ޖަލާއި މާފުށީ ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަނަލް ސަރވިސް ގުޅިގެން މިއަދު ހިންގި އޮޕަރޭޝަންގައި ފުލުހުން ބަލާފާސްކުރި ގޮޅިތަކުން ހަރުކަށި ފިކުރާ ގުޅޭ ބައެއް ތަކެތި ފެނިއްޖެ އެވެ.

ފުލުހުން ބުނީ މާލެ ޖަލުން، ސިމް ކާޑާއެކު އެއް ފޯން އަދި މާފުށި ޖަލުން ސިމް ކާޑާއެކު 43 މޯބައިލް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށްގެނެވި، މައްސަލަ މިހާރު ދަނީ ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ. މި އޮޕަރޭޝަންގައި ފުލުހުން ޓޭޒަ ބޭނުންކުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާފައިވާ މައުލޫމަތަކީ ދޮގު މައުލޫމާތެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް، ނުކިޔަމަންތެރިކަން ދެއްކި ދެ ގައިދީއަކާ ދެކޮޅަށް ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މި އޮޕަރޭޝަންގައި ޕެޕަ ސްޕްރޭ ބޭނުން ކުރުމުގެ ސަބަބުން ސިއްހީ ފުރަތަމަ އެހީ ދެ ގައިދީއަކަށް ފޯރުކޮށްދީފައިވޭ،" ފުލުހުން ބުންޏެވެ.

އޭގެ އިތުރުން، މާފުށި ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ބިޑި އަޅުވާފައި އިން ގައިދީއަކު، ސިމެންތި އައްޓެއްގަައި އަމިއްލައަށް ބޮލުން ޖަހައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއަދުގެ ފަތިހުން ފެށިގެން ފުލުހުން އެ އޮޕޮރޭޝަން ހިންގީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެންނެވެ.